ކުޅިވަރު

ޤައުމީ ޓީމަށް 100 ލަނޑު ހަމަކޮށް ރޮނާލްޑޯ ތާރީހުގެ ތެރެއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ގޯލްގެ އަދަދު 100 އަށް އަރައިފިއެވެ.

Ads by Sosun Fihaara

މިހާރު ކުޅެވެމުންދާ ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާއި ދެކޮޅަށް ގޯލެއް ޖެހި ގޯލާއެކު 100 ގޯލް ހަމަކޮށް ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ގައުމީ ޓީމަށް 100 ގޯލް ޖަހައިދިން ދެވަނަ ކުޅުންތެރިޔާއަށެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އާއި ސްވިޑެން މިހާރު ކުޅެމުންދާ މެޗުގައި ރޮނާލްޑޯ މި ގޯލް ކާމިޔާބު ކޮށްފައިވަނީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

ރޮނާލްޑޯ ގައުމީ ޓީމަށް ޖެހި ފުރަތަަމަ ގޯލަކީ 2004 ވަނަ އަހަރުގެ ޔޫރޯގައި އޭނާ ގްރީސް އާއި ދެކޮޅަށް ކާމިޔާބު ކޮށްދިން ގޯލެކެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ އިރާނުގެ އަލީ ދާއީ އެވެ.. އޭނާގެ ރިކޯޑް މުގުރާލައި އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލް ޖެހި ކުޅުންތެރިޔާގެ ރިކޯޑް ހާސިލު ކުރުމަށް ރޮނާލްޑޯ އަށް މަދު ވަނީ އެންމެ 9 ގޯލް ކަން ފާހަގަ ކުރެެވެއެވެ.

ސްވިޑެންއާއި ދެކޮޅަށް މިހާރު ކުޅެވެމުންދާ މެޗުގައި ރޮނާލްޑޯގެ ފަރާތުން ދަނީ ގިނަ ހަމަލާތަކެއް ފެންނަމުންނެވެ. ނަމަވެސް ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސެން ވަނީ ހުޝިއާރުކަމާއެކު ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.

ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 5 ފަހަރަށް ހޯދާފައެވެ. އަދި އޭނާގެ ކެރިއަރުގައި މިހާތަނަށް 700 އަށް ވުރެ ގިނަ ގޯލް ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!