ޚަބަރު

ދައުލަތުން މައްސަލަ ރަނގަޅަށް ކިޔައިދިންނަމަ މިއަދުގެ ޝަރީއަތް ތާވަލު ނުކުރިސް: ޔާމީން

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައީސް ޔާމީން: ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް އިންތިޒާރުކުރެވޭ - ފޮޓޯ: ދެން އިމޭޖަސް

ދައުލަތުން ފަނޑިޔާރަށް މައްސަލަ ރަނގަޅަށް ކިޔައިދިންނަމަ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ނުކުރިސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޔާމީން އެހެން ވިދާޅުވީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.

ކްރިމިނަލް ކޯޓުން ފަށާފައިވާ މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށް އަލުން ބަލަން ކުރި ހުކުމާ ގުޅޭ މައްސަލަ އެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުގައ ޔާމީން ވަނީ މިއަދުގެ އަޑުއެހުމުގައި ދިފާއުން ފާހަގަކުރި ކަންކަން ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުން ތަކުރާރުކޮށް ނަގާފައިވާ އެއް މައްސަލައަކީ ދައުލަތުގެ ދިފާއީ ހެކިތަކުގެ މައްސަލަ ކަމަށާއި އެ މައްސަލައަކީ ޔާމީނުގެ ތަހުގީގީ މަރުހަލާގެ ތެރޭގައި ހަނުހުރި ހުރުމާ ބެހޭ ގޮތުން ނަންގަވާ މައްސަލައެއް ކަމަށެވެ.

އަދި ތަހުގީގު މަރުހަލާއަށް ޔާމީން ދެއްވި އިންޓަވިއުގެ ސީޑީ ލިބިފައި ނުވާ ކަން ޖަމީލް ފާހަގަކުރެއްވި އެވެ.

އަޑުއެހުމުގައި ޔާމީންއަށް ދިން ފުރުސަތުގައި ވަނީ އިތުރު ސީޑީތަކެއްގެ ވާހަކަވެސް ފާހަގަކުރައްވާފަ އެވެ. އެކަމާ ގުޅިގެން ގާޒީ އަލީ ނަދީމް ވިދާޅުވީ ކޯޓަށް ހުށަހެޅިފައި ނެތް ސީޑީތަކެއް ރައްދުކޮށްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ މީގެ ކުރިން އާ ރަށުގެ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ބޮޑު ގައިޑްލައިންއެއް ނެރުނު ކަމަށެވެ.

ޔާމީން ވިދާޅުވީ ތަހުގީގުގެ މަރުހަލާއިން ފެށިގެން ހުރިހާ މަރުހަލާއެއްގައި ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ލިޔެކިޔުމެއް ބޭނުންވާ ކަމަށްވަނީނަމަ ހުރިހާ ލިޔެކިޔުންތަކާއި ތަހުގީގުގެ ޗެޓްލޮގްތަކާއި އޯޑިއޯ އަދި ވީޑިއޯ ލިބެންވާނެ ކަމަށް އެ ގައިޑްލައިންގައި ބުނާ ކަމަށެވެ.

ޔާމީން ވިދާޅުވީ ތަހުގީގީ މަރުހަލާގައި ފުލުހުންގެ އަތުގައި ހުރި ލިޔުންތައް ބޭނުންވާ ކަމަށެވެ.

އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ހިމެނޭ ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. އެ ބަޔަކީ ކުރިން ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގި އިރު ދިފާއީ ހެކިންގެ ބަސް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމާފައިވާ ބަޔެވެ.

މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލަ ފާހަގަކުރައްވާ ޔާމީންގެ ވަކީލު ޖަމީލް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ފައްޓާފައި ވަނިކޮށް އެ މައްސަލައާ ގުޅުން ހުރި މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު އޭގެ ސަބަބުން އަދުލުވެރި ނިންމުމަކަށް ފުރުސަތު ގެއްލިގެން ދާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ވަކީލުން އެދުނު ގޮތް ގާޒީ ގަބޫލުކުރައްވާ ދެ މައްސަލާގައިވެސް މިއަދު ގޮތް ނިންމާފައިވާ ކަމަށާއި ދައުލަތުންވެސް އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

"އެހެންވީމާ ދެން ގަބޫލުކުރެވެނީ މި މައްސަލަ ތަންކޮޅެއް ރަނގަޅަށް ދައުލަތުން ފަނޑިޔާރަށް ކިޔައިދީފައި އޮތް ނަމަކާ މިއަދުގެ ޝަރީއަތެއް ތާވަލެއް ނުކުރެއްވީސް"

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްސަލާގައި ސުޕްރީމް ކޯޓު އިސްތިއުނާފުކުރުމުގެ މައްސަލައާ ކުޑައަރާރުމެއް އުޅޭ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މައްސަލައަށް ގޮތެއް ނިންމުމުން އެ މަޖިލީހަށް ހުށަހަޅަންޖެހޭ ހުށަހެޅުންތަކާ މެދު ވާހަކަދައްކާ ގޮތެއް ނިންމުމަށް ގާޒީ ނިންމެވި އެވެ.

އޭގެ އިތުރުން ގާޒީ ވިދާޅުވީ ސީޑީތައް ހޯދުމަށް އެދި ހުށަހަޅާފައިވާ ފޯމާ އެއްގޮތަށް ސީޑީތައް ރައްދު ކޮށްދޭނެ ކަމަށެވެ.

އާ ރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމްކުރީ ޑިސެންބަރު 25, 2022 ގަ އެވެ. އެ މައްސަލައިގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.

އަދި އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!