ޚަބަރު

ބިދޭސީންގެ ކަންތަކުގައި އަތް ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ޝަމްއާން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ބިދޭސީންގެ ކަންތަކުގައި އަތް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

"ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ޝަމްއާން ވިދާޅުވީ ބިދޭސީންގެ މައްސަލަ އަކީ ހައްލު ނުކޮށް ދޫކޮށްލުމަށް ވުރެ ބޮޑު ބޮޑުވެފައިވާ މައްސަލަ އެއް ކަމަށެވެ. ދެއްވި ޔަގީންކަމަކީ އެ މައްސަލާގައި ދޫނުދެއްވާނެ ކަމެވެ.

"މި މައްސަލާގައި އަޅުގަނޑުމެން މިހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އަދި އަމްދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ."

ކޮންޓްރޯލާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތަށް އެންމެ ފަސޭހަވެގެންދަނީ ހޯމް މިނިސްޓްރީގެ ދަށުން އެކަން ކުރަން ޖެހޭތީ ކަން ވެސް ޝަމްއާން ފާހަގަކުރެއްވި އެވެ.

"ހޯމް މިނިސްޓްރީގެ ދަށުގައި އެބަ އިނދޭ އިމިގްރޭޝަން, މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކަމާ ގުޅުން ހުރި އެހެނިހެން މުވައްސަސާތައްވެސް. އެއް އަބްރެއްލާއެއްގެ ދަށުގައި މި މަސައްކަތް ކުރަމުން މިދަނީ."

އެކަމުގެ ސަބަބުން ރިސޯސްތައް ޑުބްލިކޭޓްވުން ފަދަ ކަންކަން މަދުވެ, އިދާރާތަކުގެ ރިސޯސްތައް ޝެއާކޮށް އޮޕަރޭޝަންތައް ހަރަދުކުޑަކޮށް ހިންގޭ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ އެކަމުގައި ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިރުޝާދު ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށާފައިވާ އެ މައްސަލަ އެހާ ފަސޭހައިން ކުރިއަށް ގެންދެވެނީ އެ ސަބަބުތަކަށްޓަކައި ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ޕްރެޝަރެއް އަޅުގަނޑުމެންނަށް ނެތް މިކަމުގައި. އެހެންވީމާ މި ފަސް އަހަރު އަޅުގަނޑުމެން އަތް ދޫކޮށްލާނީ ހޭ ވަކިހިސާބަކަށް ގެންގޮސް. އެއަކު ނެތް ސުވާލެއްވެސް."

ޝަމްއާން ވިދާޅުވީ އެގޮތަށް ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންނަކީ ފިންގާ ޕްރިންޓް ނެގި, އަދި ފޭސް ރިކޮގްނިޝަން ޔަގީންކޮށްފައިވާ ބަޔަކަށް ހަދާ, އެ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަންނަން ފުރުސަތު ދިނުން ހިމެނޭ ކަމަށެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފާ ބިދޭސީން އިމިގްރޭޝަންގެ އެންފޯސް ޑިޕާޓްމަންޓާއި އަދި ފުލުހުން ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ވިދާޅުވި އެވެ.

"މީގައި އަތް ދޫކޮށްލުމުގެ ވިސްނުމެއް ނެތް. އަދި އަތް ދޫކޮށްލުމެއް ވެސް ނެތް. އަޅުގަނޑުމެން މިކަން ކުރިއަތް އޮތް ތިން ދުވަސް ތެރޭގައި ހައްލު ކުރާނަން"

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.