ބައްސާމް ދެ އެޕާޓްމަންޓްގެ ގަތީ އެފްއޭއެމްގެ ހިޔާނާތުގެ ފައިސާއިން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު ދެ އެޕާޓްމަންޓް ބައްލަވައިގެންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ހިޔާނާތުގެ ފައިސާއިން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވީ އެފްއޭއެމަށް ލިބޭ ބޭރުފައިސާ ކުންފުނިތަކަށާއި އެހެން އެކައުންޓްތަަކަށް ފޮނުވާފައިވާ މައްސަލަ މިދިޔަ އަހަރު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ބައްސާމް ހުޅުވާފައިވާ އެކައުންޓަށް އެފްއޭއެމްގެ އެކައުންޓުން ފައިސާ ޖަމާކޮށް ބޭނުންކުރި ކަަަމަށާއި އެ މައްސަލަ ޕީޖީއަށް މި އަހަރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެ މައްސަލައިގައި ބައްސާމްއާއެކު އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމަންްޓްގެ ހެޑްގެ މަގާމުގައި އޭރު ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލްއަށް ވެސް ދައުވާކުރަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތުން މި މައްސަލައިގައި މި [ފުލުހުންގެ ހިދުމަތުން] މިހާރު ދައުވާކުރަން ފޮނުވާފައިވާ މައްސަލައަކީ އެފްއޭއެމްގެ ރައީސް ބައްސާމްގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ "A1205" އާއި "A1206" އެޕާޓްމަންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ މައްސަލަ" ސަވާދު ވިދާޅުވި އެވެ.
އޭގެ އިތުރުން އެފްއޭއެމްއިން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 14 އޭޕްރީލް 2021 ގައި ޖަމާކޮށްފައިވާ އެއް މިލިއަން ޔޫއެސް ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށް އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ސަވާދު ވިދާޅުވި އެވެ.
އަމީން އެވެނިއުން ބައްސާމް ގަން ދެ އެޕާޓްމަންްޓަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެފްއޭއެމުން ފައިސާއިން ޖުމްލަ 3.8 މިލިއަން ރުފިޔާ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.