ރާއްޖޭގެ އުތުރުގައި މެރިޓައިމް ހިދުމަތްތަކުގެ ބައިނަލްއަގުވާމީ ގޭޓް ވޭ ހުޅުވައިފި

ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް މެރިޓައިމް ޚިދުމަތްތައް ދެވޭ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ރާއްޖޭގެ އުތުރުގައި ހުޅުވައިފި އެވެ.
މި ގޭޓްވޭ އިފްތިތާހުކޮށްދެއްވީ މިރޭ ހއ. އުލިގަމުގައި ބޭއްވި ރަސްމިއްޔާތުގައި، ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، ޖަސްޓިސް ރިޓަޔާޑް އިދުރީސް އާދަމެވެ.
އުތުރުގައި ގާއިމުކުރި މި ފެސިލިޓީން އޮފް ޝޯ ބަންކަރިން ހިދުމަތް ދެމުން ގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. ބޯޓުތަކަށް ބޭޏުންވާ އެހެނިހެން މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދޭނީ އެމްޕީއެލުންނެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅ ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު ވެސް 200 އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރު ކުރެ އެވެ. އާގު ބޯޓުތައް ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުތަކުން އެތައް ބިލިއަން ޑޮލަރުގެ މުދުާ ކޮންޓެއިނަރުތަކުގައި އުފުލަ އެވެ.
ނަމަވެސް އެ އުޅަނދުތަކަށް ބޭނުންވާ ބަންކަރިން އަދި މެރިޓައިމްގެ ހިދުމަތްތައް މިހާތަނަށް ދެމުން އައިސްފައިވަނީ އިންޑިއާ އަދި ސްރީލަންކާއިންނެވެ. ރާއްޖޭގައި މެރިޓައިމް ހިދުމަތްތަކުގެ ސިނާއަތެއް އުފެއްދުމުގެ ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ގެންގުޅެފައިވެ އެވެ. އަދި ބައެއް އަމަލީ މަސައްކަތްތައް މިދިޔަ ދެ ސަރުކާރުގައި ވެސް ހިންގާފައި އެބަ އޮތެވެ.