ޚަބަރު

ލޯގަލް ގަވާންމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ޑރ. މުނާ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސްގެ ޕަމަނަންޓް ސެކްރެޓަރީގެ މަގާމަށް ޑރ. ފާތިމަތު މުނާ އައްޔަންކުރައްވައިފި އެވެ.

Ads by STELCO

މުނާއަށް މަގާމުގެ ލިޔުން ހަވާލުކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނާ ވިދާޅުވީ އޭނާއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އެ މިނިސްޓްރީއަށް މަތިކޮށްފައިވާ ޒިންމާތައް, މިނިސްޓަރު އެދިވަޑައިގަންނަވާ ގޮތަށް ހާސިލްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މުނާ ވިދާޅުވީ ތަޖުރިބާގެ އަލީގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

އެ މަގާމަށް އައްޔަންކުރުމުގެ ކުރިން މުނާ ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ. އެމްއެމްސީއާ މުނާ ގުޅިވަޑައިގަތީ އޮގަސްޓް 16, 2016 ގައި ޑިރެކްޓަރެއްގެ މަގާމުންނެވެ.

އަދި އޮކްޓޯބަރު 30, 2017 އިން ފެށިގެން އިއްޔެގެ ނިޔަލަށް މުނާ ވަނީ އެމްއެމްސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވާފަ އެވެ.

އެމްއެމްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ނޮވެމްބަރު 1, 2005 ފެށިގެން މުނާ ވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ސެކްރެޓޭރިއޭޓްގެ މަގާމުން ފެށިގެން ޑިރެކްޓަރުގެ މަގާމުތައް އަދާކުރައްވާފަ އެވެ.

އެގޮތުން ހައުސިން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި ގއ. އަތޮޅު އޮފީހުގައި މުނާ މަސައްކަތް ކުރައްވާފައިވެ އެވެ. އަދި ލެކްޗަރާއެއްގެ ގޮތުގައި އެވިޑް ކޮލެޖުގައާއި ދާރުލް ގުރުއާނުލް ވައްސުއްނަ އިންސްޓިޓިއުޓުގައި ވެސް މުނާ ވަނީ ކިޔަވައިދެއްވާފަ އެވެ.

Ads by HDC