ޚަބަރު

ހުއްދަ ނުހޯދާ ހިދުމަތްދެމުން އައި ފަޒީސް ހިޖާމާ ކްލިނިކް ބަންދުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ހުއްދަ ނުހޯދާ ހުޅުމާލޭގައި ހިޖާމާގެ ހިދުމަތްދެމުންދާ އައި, ފަޒީލާ އުސްމާންގެ ހިޖާމާ ކްލިނިކް އަނެއްކާވެސް ބަންދުކޮށްފި އެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ ހެލްތް މިނިސްޓްރީގެ ހުއްދަ ނުހޯދާ ހިޖާމާ ޖެހުމުގެ ހިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައިވާތީ އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

ކްލިނިކްގެ ވެރިފަރާތުން ގާނޫނުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށާއި މިހާރު ދެމުން ގެންދާ ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްދަ ލިބެންދެން ހުއްޓާލުމަށް ލިޔުމުން އަންގާ, ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުނެ ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ލިބެންޖެހޭ އެއްބާރުލުން ވެރިފަރާތުން ލިބެމުންދާ ކަމަށެވެ.

ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފަޒީލާ ބުނީ ހެލްތް މިނިސްޓްރީން ހުއްދަ ލިބުމާއެކު ހިދުމަތް އަލުން ފެށޭނެ ކަމަށާއި ހިދުމަތް މެދުކެނޑިފައިވުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ ދަތިތަކަށްޓަކައި އޭނާ މާފަށް އެދިފައިވެ އެވެ.

ފަޒީލާ ބުނީ ކްލިނިކް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލައިސަންސް ނެތި ހިޖާމާއާއި ދިވެހި ބޭހުގެ ހިދުމަތްދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތުން ވަނީ ދީފަ އެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭން ވާނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށް, އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.

މީގެ ކުރިންވެސް ފަަޒީލާގެ ކްލިނިކް ހުއްޓުވާފައިވާއިރު, ހިޖާމާގެ މައްސަލަ ބޮޑުވީ ޑޮކްޓަރީ ބޭހުގެ ބަދަލުގައި ހިޖާމާ ޖަހައިގެން އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދޭނެކަމަށް ބުނެ ފޭސްބުކް ޕޭޖުން ކުރަމުންދާ ޕޯސްޓުތަކަށް ގުޅިގެންނެވެ.

ފަޒީލާ، ހިޖާމާ ޖަހަމުން އަންނަތާ 8 ވަރަކަށް އަހަރުވެއްޖެ އެވެ.

Ads by Ooredoo