ޚަބަރު

ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ބަނގުރާ ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

އެކްސިޑެންޓެއްވެ، އަނިޔާވެގެން އައިޖީއެމްޗަށް ގެންދިޔަ ވަގުތު ބަނގުރާ އަޅާފައި ހުރި ފުޅިއެއް ޖިންސު ތެރޭގައި ގެންގުޅުނު މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by STELCO

މި ކަމެއް ހިނގީ މިދިޔަ ޖޫން މަހުގަ އެވެ. ގަލޮޅު ސީވޭވް، މުހައްމަދު ތިބްޔާން، އެ ދުވަހު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް އުޅެނިކޮށް ނުކިޔަމަންތެރިކަން ދެއްކި ކަމަށް ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައިވެ އެވެ. ދެން ފުލުހުން ގޮސް ބެލިއިރު ލައިގެން ހުރި ޖިންސު ތެރެއިން ފެނުނު 500 މިލިލީޓަރު ބޮނަކުއާ ފުޅީގައި ހުރި ދިޔާ ތަކެތި ބަނގުއާތްވަށް ޕޮގިޓިވް ވެފައިވާ ކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް އުފުލީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. އެއީ ރާއްޖޭގައި ބަނގުރާ ގެންގުޅުމުގެ ހުއްދަ ނެތް ސަރަހައްދެއްގައި އެ ތަކެތި ގެންގުޅެފައިވާތީ އެވެ.

ކުށަށް އޭނާ އިއުތިރާފުވި އެވެ.

ގާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން އެދިފައިވާތީ އަދި ދައުލަތުން އެ ކަމަށް އިއުތިރާޒު ނުކުރާތީ، ފަނޑިޔާރަށް ލިބިދޭ އިހުތިޔާރުގެ ދަށުން ޖޫރިމަނާގެ އަދަބެއް ކަނޑައެޅި އެވެ.

އެހެންވެ ޖޫރިމަނާގެ އަދަބެއްގެ ގޮތުގައި 13،000 ރުފިޔާ ކަނޑައަޅައި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމް ކުރި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!