ޚަބަރު

ރައީސަށް އިންޒާރުދިނުން، ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ކުށްވެރިކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ދެން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން އިންޒާރު ދިން މައްސަލަ ކުށްވެރިކޮށް، މި ސަރުކާރަށް ތާއީދކުރާ ޕާޓީތަކުން ވެސް ބަޔާން ނެރެފި އެވެ.

Ads by Sosun Fihaara

އެ ކަން ކުށްވެރިކޮށް ބަޔާން ނެރެފައި ވަނީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ލީޑުކުރައްވާ ޖޭޕީން ނެރުނު ބަޔާނުގައި ބުުނެފައިވަނީ، އެފަދަ ނިރުބަވެރި އަދި ނުރައްކާތެރި އިންޒާރެއް ދިވެހި ދައުލަތުގެ އެންމެ މަތީ އިސްވެރިޔާއަށް ދިނުމަކީ ގައުމުގެ އަމާންކަން ގެއްލުވާލަން ކުރި ކަމެއް ކަމަށެވެ. އަދި އެއީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަހަލަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅު ނެތިކޮށްލާނެކަމަށް ބުނެ ދީފައިވާ މި ނިރުބަވެރި އިންޒާރަކީ ހަމައެކަނި އެމަނިކުފާނަށް ދިން އިންޒާރެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މުޅިދިވެހި ޤައުމަށް ދީފައިވާ ބިރުވެރި އިންޒާރެއްކަމަށް މި ޕާޓީއިން ދެކެމެވެ." ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ލީޑުކުރައްވާ އެމްޑީއޭން ނެރުނު ބަޔާނުގައި ވަނީ ނިރުބަވެރި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނުގައިވާ އެންމެ ހަރުކަށި ދިނުން މުހިންމު ކަމަށެވެ. އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، އެ މައްސަލައިގެ ހަގީގަތް ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަން ވެސް އެމްޑީއޭން ނެރެފައިވާ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އާދޭހާއެކު އިލްތިމާސްކުރަމެވެ،" އެމްޑީއޭގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ލީޑުކުރައްވާ އެމްއެންޕީން ބުނެފައިވަނީ އެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ. އަދި ރައީސްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށާއި އެމަނިކުފާނަށް ނުރައްކާ އޮތް މިންވަރު ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް ކުރުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.

މި މައްސަލާގައި ވާދަވެރި ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވާ އެއްވެސް ޕާޓީއަކުން އަދި ބަޔާން ނެރެފައެއް ނުވެ އެވެ. އޭގެ ތެރޭގައި އެންމެ އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީގެ އިތުރަށް ޑިމޮކްރެޓްސްއާއި އަދާލަތު ޕާޓީ ވެސް ހިމެނެ އެވެ.

ވެރިކަންކުރާ މައި ދެ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގުޅިގެން ނެރުނު ބަޔާނެއްގައި މި އަމަލު ކުށްވެރިކޮށްފައިވެ އެވެ.

ރައީސަށް އިންޒާރު ދިނީ ކާކު؟

ރައީސް އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިނީ އެމަނިކުފާނު އދ. ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާ މަންޒަރު ފޭސްބުކްގައި ލައިވް ކުރަމުން ދިޔައިރު އަބްލޯ މިޔާދު ޔޫސުފް ނަަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ކޮމަންްޓެއްގަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ.

ރައީސުންނަށް ހަމަލާ ދިނުމުގެ މާޒީ

ރާއްޖޭގައި ވެސް ރައީސުންނަށް ހަމަލާ ދިނުމުގެ މާޒީއެއް އެބަ އޮތެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް 2002 ވަނަ އަހަރު ހއ. ހޯރަފުއްޓަށް ވަޑައިގެން ބަނދަރުގައި ހުންނަވަނިކޮށް ވަޅިން ހަމަލާއެއް އަމާޒުވި އެވެ. އެ ފަހަރު އެމަނިކުފާނު ސަލާމަތްވީ، އެމަނިކުފާނު އަރިހުގައި ތިބި ސްކައުޓް ދަރިވަރުން ވެސް އެމަނިކުފާނު ދިފާއުކޮށް ދިނިތީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އެމަނިކުފާނު ވެރިކަމުގައި ހައްޖުގެ ދަތުރުފުޅަކަށް ފަހު، އަނބިކަނބަލުންނާ އެކު މާލެ ވަޑައިގެންނެވި ދުވަހު ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް 2021 ވަނަ އަހަރު މެއި މަހު ހައެއްގައި ދިން ބޮމުގެ ހަމަލާގައި ސަލާމަތްވީ ކިރިޔާ އެވެ.

Ads by Allied Insurance