ރައީސަށް މަރުގެ އިންޒާރު ދިން މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް މަރުގެ އިންޒާރު ދިން މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ރައީސް އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިނީ އެމަނިކުފާނު އދ. ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާ މަންޒަރު ފޭސްބުކްގައި ލައިވް ކުރަމުން ދިޔައިރު އަބްލޯ މިޔާދު ޔޫސުފް ނަަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ކޮމަންްޓެއްގަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ.
ރައީސް އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ވެރިކަންކުރާ ޕީއެންސީން ވެސް މިދިޔަ ބުރާސްފަތި ދުވަހުގައި ގޮވާލާފަ އެވެ.
އަދި ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމާއި، އެކަން ހަރުކަށި އިބާރާތުން އެ ޕާޓީން ކުށްވެރި ކުރާކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އެ މައްސަލަ މާލޭ ސިޓީ ކައުންސިލް އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
އަދި މިމައްސަލަ ކުށްވެރިކޮށް، މި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ވެސް ބަޔާން ނެރެފައިވެ އެވެ.