ޚަބަރު

މައުލޫމާތު ލިބޭނެ އިންތިޒާމު ފުރިހަމަ ކުރުމުގެ އަޒުމު މި ސަރުކާރުގައި އެބަ އޮތް: އަޒާން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މެމްބަރު އަހުމަދު އަޒާން ދެން އޮންލައިންގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

މައުލޫމާތު ހައްގު ކަށަވަރުކޮށްދީ، ރައްޔިތުންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު ފުރިހަމަކޮށްދިނުމުގެ އަޒުމު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެބަ އޮތް ކަމަށް، ކުރީގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

އަޒާން މިހެން ވިދާޅުވެ "އެކްސް"ގައި ޕޯސްޓެއް ކުރެއްވީ، ބައިނަލްއަޤްވާމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ މުނާސަބަތުގަ އެވެ. އަޒާން ލިޔުއްވީ، މި ދުވަހުން ހަނދާންކޮށްދެނީ ވެރިކަން ހިންގުމުގައި ދެ ފުށް ފެންނަ އުސޫލުތަކާއި މައުލޫމާތުތައް ލިބިދިނުމުގެ މުހިންމު ކަން ކަމަށެވެ.

"ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަޒުމު އެބަ އޮތް، ސަރުކާރު ޖަވާބުދާރީ ކުރުވޭ ފަދަ މައުލޫމާތެއް ރައްޔިތުންނަށް ފުރިހަމައަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މި ސަރުކާރު ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ،" މައުލޫމާތު ހޯދުމުގެ ހަރަކާތްތެރިއެއްގެ ގޮތުގައި އެންމެން ވެސް ދަންނަ އަޒާން ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނެއް ރާއްޖޭގައި ވުޖޫދުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ނަމަވެސް އެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ދައުލަތުގެ އެކި މުއައްސަސާތަކާއި، ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުން އަދާ ނުކުރުމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

މި ސަރުކާރުގެ ވެސް ބައެއް މައުލޫމާތު ލިބުމުގައި ދަތިކަން އޮތް ކަމުގެ ޝަކުވާ، މައުލޫމާތު ހޯދުމުގެ ހަރަކާތްތރިންގެ މެދުގައި އެބަ އޮތެވެ.

Ads by Ooredoo