ޚަބަރު

ހާޝިމްގެ މަރާ ގުޅޭ އިތުރު ކަންތައްތަކެއް ފުލުހުން ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދު --

ޖެނުއަރީ 2, 2022 ގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ހާޝިމް މުހައްމަދުގެ މަރާ ގުޅޭ އިތުރުކަންތައްތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Hajj Corporation

ހާޝިމްގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުން އެންމެ ފުރަތަމަ ބުނި ނަމަވެސް ފަހުން މައްސަލަ ތަހުގީގުކުރުމަށް ފަހުން ފުލުހުން ބުނީ އޭނާ މަރުވީ ވެއްޓި ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަަމަށެވެ.

އެ މައްސަލައިގައި އެއްވެސް މީހަކުވެސް ހައްޔަރުކޮށްފައިނުވާ އިރު އޭގެ ދެ އަހަރު ފަހުން ވަނީ ހާޝިމްގެ ވިޔަފާރިއާ ގުޅޭ  މައްސަލައެއް ފެންމަތިވެފަ އެވެ.

އެގޮތުން ހާޝިމްގެ ވިޔަފާރިކުރަމުން ދިޔައީ އަންހެން ދަރިފުޅުގެ ހިއްސާ އޮންނަ ގޮތަށް ކަމަށްވާއިރު ހާޝިމް މަރުވި ފަހުން އޭނާގެ ދަރިފުޅުގެ ސޮއި ފޯޖުކޮސްގެން ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލުގެ ނަމަށް ވިޔަފާރި ބަދަލުކުރި މައްސަަލަ ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.

އެ މައްސަލައިގެ ތެރެއިން ފުލުހުން މިއަދު މީޑިއާތަަކަށް ފޮނުވި އެހެން މެސެޖެއްގައި ބުނީ ހާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހާޝިމްގެ ފޯނު ގެނައި ކަމަށާއި އަދި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތަކަށްފަހު ފޯނު އާއިލާއާ ހަވާލުކުރި ކަމަށެވެ. އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލައިގެ ތަހުގީގަށް ގެނެސްފައެއް ނުވާ ކަމަށްވެސް ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގު ނިންމާފައި ވަނިކޮށް އާއިލާއިން ކަންބޮޑުވުން ތަކެއް ހިއްސާކޮށްފައި ވާތީ އެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން." ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

Ads by Allied Insurance