ޚަބަރު

ޔާމީނަށް ވަކާލާތުކޮށްދެވުނު ނަމަ މައްސަލަތަކުގެ ނިންމުމުގައި ބައިވެރިއެއް ނުވާނަން: ޕީޖީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އައްބާސް/ ފޮޓޯ: މަޖިލީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކާލާތު ކޮށްދިން ކަން ހަނދާން ނުވާ ކަމަށާއި، ވަކާލާތުކޮށްދެވިފައިވާނަމަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮތް އެމަނިކުފާނުގެ މައްސަލަތަކުގައި ގޮތް ނިންމުމުގައި ބައިވެރިނުވާނެ ކަމަށް ޕީޖީ އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މަގާމާ ހަވާލުވެވަޑައިގެންނެވިތާ ތިން ހަފުތާ ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ އޭނާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނީ ޕީއެންސީ/ޕީޕީއެމަށް ކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގައި ޔާމީނަށް ވަކާލާތުކޮށްދެވިފައިވާ ކަން ނުވަތަ ނޫން ކަން އިތުރަށް ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ކަހަލަ ހާލަތެއް މެދުވެރިވެގެން އެފަދަ ނިންމުމެއް ނިންމުމުގައި އަޅުގަނޑު ބައިވެރިވުމުގެ ކުރިއަށް ރިކޯޑު ބަލާފައި ތަނާޒުލްވާންޖެހޭ ހާލަތެއް އޮތް ނަމަ ތަނާޒުލްވާނަން،" ޕީޖީ ވިދާޅުވި އެވެ.

ޔާމީނަކީ ޕީއެންސީ/ޕީޕީއެމްގެ ކުރީގެ ލީޑަރެވެ. ރައީސް މުހައްމަދު މުއިއްޒުއާ ޖެހުނު މައްސަލަތަކާ ހުރެ، ހިތްހަމަޖެހިވަޑައިނުގެން ޔާމީން ވަނީ ވެރިކަންކުރާ އެ ކޯލިޝަނުން ވަކިވެފަ އެވެ. ކުރީގެ ވެރިކަމުގައި ޔާމީނަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި އުފުލި ދައުވާތަކެއް ކަމަށް އޭރު މި ކޯލިޝަންގެ ލީޑާޝިޕުން ދިޔައީ ބުނަމުންނެވެ.

އައްބާސް މިއަދު ވިދާޅުވީ ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ އެއްވެސް ނިންމެވުމަށް އިސްވެ ރިވިއު ނުކުރާނެ ކަމަށެވެ. ނަމަވެސް ނިންމުންތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ 20 މުއްދަތުގެ ތެރޭގައި ޔާމީންގެ މައްސަަލައިގެ ޝަކުވާތައް ލިބޭނަމަ، ލިބޭ ޝަކުވާތަކަށް ބަލާފައި ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެހެންވީމާ މި މުއްދަތުގައި ރައީސް ޔާމީންގެ މައްސަލަ ވެސް ހުށަހަޅައިފިއްޔާ މިކޮޅުން އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީން އެ މައްސަލަ ވެސް ރިވިއު ކުރުމަށް ފަހު ނިންމުންތައް ނިންމާނީ،" އައްބާސް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ ދައުރުގައި އޭރުގެ އެންމެ ބޮޑު އިދިކޮޅު ކޯލިޝަންގެ ލީޑަރު ޔާމީންގެ މައްޗަށްއުފުލާފައިވާ ހިޔާނާތުގެ ދައުވާތައް އަދިވެސް ޕީޖީ އޮފީހުގައި އެބަ އޮތެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ދެ ރަށެއްގެ މުއާމަލާތުގައި ވަކި ދައުވާތަކެއް އެމަނިކުފާނަށް ކޮށްފައިވެ އެވެ.

އޭގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ޑިސެމްބަރު 2022 ގައި އުފުލި އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވެސް ވާދަނުކުރެވުނީ އެ ހުކުމުގެ ސަބަބުންނެވެ. ރިޔާސީ އިންތިހާބު ނިމި، މަޖިލިސް އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް އެންގި އެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަ އަލުން ފަށައި، މިހާތަނަށް ދެ އަޑުއެހުމެއް ވެސް ބާއްވާފައިވެ އެވެ. ޔާމީން އެދިވަޑައިގެން، އަދި ރައްޔިތުންގެ މަސްލަހަތު ބޮޑު މައްސަލައަކަށް ވާތީވެ އެ އަޑުއެހުންތައް ބާއްވަނީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބު ޕޭޖުން ލައިވް ކޮށްގެންނެވެ.

މީގެ އިތުރަށް، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ. އެ މައްސަލާގައި ވެސް އެމަނިކުފާނު މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލާގައި ހެކިބަސް ނަގަން ފެށި ފަހުން، ދައުވާކޮށްފައިވާ ކްރިކް ރިޒާގެ ދައުވާތައް ވެސް ވަގުތީ ގޮތުން ޕީޖީން ކޯޓުން އަނބުރާ ގެންގޮސްފައިވެ އެވެ.

Ads by HDC