އައިސީޖޭގައި އޮތް އިޒްރޭލުގެ މައްސަލައަށް ރާއްޖޭން ވަންނަން ޑިކްލެރޭޝަން ހުށަހަޅައިފި
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާ އިން އިސްވެ ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހަޅަން ޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަވެންޝަން" ހުށަހަޅައިފި އެވެ.
ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމުގެ މައްސަލާގައި އިޒްރޭލަށް އަދަބު ދިނުމަށް އައިސީޖޭއަށް ދެކުނު އެފްރީކާގެ ފަރާތުން ހުށަހެޅީ 29 ޑިސެންބަރު 2023 ގަ އެވެ.
މި މައްސަލާގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށެވެ.
ރާއްޖޭން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭ ގޮތުންނެވެ.
އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއް ކަމާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ.
އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަގުވާމީ ނިޒާމަށް މަލާމާތެއް ކަމަށް ވިދާޅުވެފަ އެވެ. އ.ދ. ގެ ޤަރާރުތަކާއި، ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް ދިވެހި ސަރުކާރުން ބުނާ ވާހަކަ މިއަދު ވެސް ތަކުރާރުކޮށްފައިވެ އެވެ.