ޚަބަރު

މީދޫގައި އައިސް ޕްލާންޓް އެޅުމަށް ހިލޭ ބިން ދިނުމުން ހާމަވީ މަސްވެރިންނަށް ކައުންސިލުން ދޭ އަހައްމިއްޔަތު: މިފްކޯ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައިސް ޕްލާންޓާއި އައިސް ސްޓޯރޭޖް ގާއިމުކުރަން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ / ފޮޓޯ:މިފްކޯ

ސަރުކާރުގެ ޕީއެސްޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމުކުރާ ދ. މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން އެ ރަށު ކައުންސިލުން އުޖޫރައެއް ނުނަގާ ގޮތަށް އެ ކުންފުންޏާ ހަވާލުކުރުމަކީ ކައުންސިލުން މަސްވެރިންނަށްދޭ އަހަމިއްޔަތު ހާމަވެގެންދާ އަލިގަދަ ހެއްކެއް ކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

Ads by STELCO

މީދޫ އައިސް ޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއިން ސޮއިކުރީ ނިމުނު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މީދޫގެ އިތުރުން އެ އަތޮޅު ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސް ޕްލާން އެޅުމަށް ވަނީ ނިންމާފަ އެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މީދޫގައި އައިސް ޕްލާންޓް އެޅުމަށް އެ ރަށު ކައުންސިލުން ހިލޭ 3،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ސަރަހައްދުގެ މަސްވެރިންނަށް ނުވަތަ މަސްވެރި ކަމަށް އައިސް ލިބޭ ގޮތްވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެ ކަމަށެވެ.

"ކައުންސިލުތަކުން ނަގަނީ ވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެނަށް އެއިން ފައިދާ ނުވިޔަަސް މަސްވެރިންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަނީ ކޮލެޓީ މަސް ހޯދުމުގެ މަގުސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް،" މުއާޒު ވިދާޅުވި އެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ / ފޮޓޯ:މިފްކޯ

މިކަމާ ގުޅިގެން މީދޫ ކައުންސިލުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރުގެ އައިސް އަޅަން ދިއުމުން އެ ރަށުގެ އިގުތިސޯދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގަ އެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގަ އެވެ.

ތިން ރަށުގައި އައިސް ޕްލާންޓް އެޅުމަށް ނިންމާފައިވާއިރު،  ކޮންމެ އައިސް ޕްލާންޓަކުން ދުވާލަކު 30 ޓަނުގެ އައިސް އުފައްދާނެ އެވެ. ކޮންމެ ޕްލާންޓަކާ އެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހަދާނެ އެވެ.

ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް އަށް މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ. މިއީ ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދީގެން ހިންގާ މަޝްރޫއެއް ކަމަށް މިފްކޯއިން ބުނެ އެވެ.

Ads by Ooredoo