އިންޑިއާއިން މަނާކުރި ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް ރާއްޖެ އެތެރެ ނުކުރޭ: އެމްއެފްޑީއޭ

އިންޑިއާއިން މަނާކުރި ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް ރާއްޖެ އެތެރެ ނުކުރާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީއިން މިހެން ބުނީ އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 16 ބާވަތެއްގެ ބޭހުގެ ގިނަ ކޮލިޓީގެ މައްސަލަތައް ފާހަގަކުރެވިފައިވާތީ އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ, ސީޑީއެސްސީއޯއިން އެލާޓު ނެރުމާ ގުޅިގެންނެވެ.
އެމްއެފްޑީއޭއިން ބުނީ އެ އެލާޓާ ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވުޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަ ގިނަ މަސައްކަތްތަކެއްކޮށް މާކެޓް އިވެލުއޭޝަނެއް ހަދާފައިވާ ކަމަށެވެ. އަދި ބެލިބެލުމުން އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް, ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
އިންޑިއާއަކީ ގިނަ އަދަދަކަށް ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ވަނީ ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާއިރު އެކަމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.
އެމްއެފްޑީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް, އެފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.