ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ ހޮނިހިރު ދުވަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ހޮނިހިރު ދުވަހު ހެނދުނު އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

ރައީސް އޮފީހުން ޝާއިއުކުރި ހަބަރެއްގައި ބުނީ، އެ ޖަލްސާ އޮންނާނީ، އެ ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ކަމަށެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ.

އެ ޖަލްސާގައި، ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާނެ އެވެ.

އެ ޖަލްސާގައި އޮންނާނެ އެންމެ ހާއްސަ އެއްކަމަކީ، ޙާފިޒް ކަމުގެ ސަނަދު ހާސިލުކުރި ހާފިޒުންނަށް ރައީސުް ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުމެވެ. އެ ޖަލްސާގައި 28 ހާފިޒަކަށް ރައީސް އިނާމު ދެއްވާނެ އެވެ.

ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރެވެނީ ރާއްޖެ އިސްލާމް ވީ ދުވަހުގެ ގޮތުގަ އެވެ. އެ ދުވަސް އެގޮތަށް ފާހަގަކުރެވެނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ގަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ. ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު އިހްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްތާނު މުހައްމަދު އިބްނު އަބްދުﷲ އެވެ. ދިވެހީންގެ މެދުގައި އެ ރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ހަސަން ތާޖުއްދީނުގެ ތާރީހުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރު ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު އެވެ.

ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހު އެވެ. އެއީ މީލާދީން 1954ވަނަ އަހަރެވެ. ރަސްކަމުގައި އިންނެވީ އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލް އެވެ. އެއަށް ފަހު 1388ހ. (1968މ.)ވަނަ އަހަރު ފެށިގެން މި ދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށް ފަހު އަލުން ފާހަގަކުރައްވަން ފެށްޓެވީ 29 މުހައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ފެނިވަޑައިގެންނެވެ.

Ads by HDC