ދޮގު ހަބަރު ފެތުރުން ވަނީ މޫލާފައި، އެއީ ކިހާވަރެއްގެ ޒަހަރެއްކަން އެފަދަ މީހުންނަށް ނުދަންނަނީ: ރައީސް
ދޮގު ހަބަރު ފެތުރުން ދިވެހި މުޖުތަމައުގައި މޫލާފައިވާއިރު އެއީ ކިހާވަރެއްގެ ޒަހަރެއްކަން އެފަދަ މީހުންނަށް ނުދަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހަށް 898 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނަކީ ދެ ދުނިޔޭގެ ސަލާމަތުގެ ދީން ކަމަށާއި ދިވެހިން އިސްލާމް ދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބަކީ މި މާތް ދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ 898 އަހަރު ކުރިން ދިވެހި ތާރީހުގެ ސިންގާ ސަނާއިން ނިންމި ތާރީހީ ނިންމުމަކީ އަނިޔާވެރިކަން ދުރަށްގޮސް ނިޔާ ލިބުމަށް ނިންމި ނިންމުމެއް ކަމަށެވެ.
"އެ ދުވަހު ދިވެހިން ދޫކޮށްލީ ބާތިލު, ދިވަހިން ލިބިގަތީ ހައްގު. އެ ދުވަހު ދިވެހިން ދޫކޮށްލީ ހުރާފާތް, ދިވެހިން ލިބިގަތީ ހަގީގަތް. އެ ދުވަހު ދިވެހިން ދޫކޮށްލީ ވަހުމްތައް, ދިވެހިން ލިބިގަތީ ހެކިތައް, އަދި ކިއެއްތޯ އެ ދުވަހު ދިވެހިން ދޫކޮށްލީ ދުނިޔެއަށް ފުރުގަސް ދިނުން އެއާއެކު ދިވެހިން ލިބިގަތީ ދުނިޔޭގެ ހަޔާތާ ކުރިމަތިލުން"
ރައީސް ވިދާޅުވީ އަމިއްލަ ނަފްސު އިސްލާހުކުރުމުގެ ދުވަހަކަށް މި ދުވަސް ނުހެދޭ ކަމުގައި ވާނަމަ މި ފަދަ ޖަލްސާތައް ބާއްވާ, ޒީނަތްތެރިކަން މި މާހައުލަށް ގެނައުމުގެ ބޭނުމުގެ އެއްވެސް މާނައެއް އޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދީނަށް ޝަހާދަތް ކިޔައިގެން ތިބަ ތިބުން އޭގެ ހަގިގީ މާނާގައި ފުރިހަމަ ކުރެވޭކަން ޔަގީންކުރަން ޖެހޭ ކަމަށެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަށަވަރު ކުރެވޭނީ އޭރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ގުރުއާން ކަމަށާއި އެ ފޮތް ދައްކަނީ ހަމައެކަނި ހައްގުގެ މަގު ކަމަށެވެ.
"ދެން ކީއްވެތޯ މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ. ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ. ކީއްވެތޯ ކުޑަކުދިންގެ ކަރާމާތްތައް ހުރުމަތްތެރިކޮށް ނުހިތެނީ. ކީއްވެތޯ އަމިއްލަ ބުއްދި ފިލާދާ ފަދަ އަމަލުތަކާ އަމިއްލަ ގައުމު ހަލާކުވާ ފަދަ ބަދު އަހުލާގީ އަމަލުތައް އާންމުވަނުންދަނީ."
ދޮގާއި މަކަރާ ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުންދަނީ ކީއްވެތޯ އާއި ފިތުނައިގެން އަލިފާނުން މުޅި ގައުމީ ފޭރާން އަޅިއަށް ހަދާލާއިރު އެއީ މިނިވަން ކަމުގެ ހައްގުކަން ހީކުރެވެނީ ކީއްވެތޯ ވެސް އެމަނިކުފާނު އެއްސެވި އެވެ.
ރައީސް ވިދާޅުވީ މިކަންކަމާ އިސްލާމްދީނާ ކުޑަކޮށްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ ރައީސް އެއްސެވި އެވެ.
"މިއީ ކިތައް މުސްލިމު އަހުން އުހުތުންނެއްގެ ތަދާއި ލަދާ ވޭނާ ކެކުޅުންތޯ މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ދޮގު ހެދުމާ ދޮގު ހަބަރު ފެތުރުމަށް ބަލާއިރުވެސް. އަދުގެ ދިވެހި މުޖުތަމއުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި އާޑަ ފުރައްސާރައާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދި ނެތި އެބަ އުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކުޑަ ލާރި ކޮޅަކަށް."
ރައީސް ވަނީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިނގޭއިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައި ކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ނާންނަނީތޯ އައްސަވާފަ އެވެ.
އެފަދަ ކަންކަމުގެ ސަބަބުން އުފެދޭ ވޭނާއި ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދާ ކަމަށާއި އަދި ވަކިވަކި އާއިލާތަކާއި ދައުލަތަށްވެސް އޭގެ ގެއްލުން ފޯރާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ އުންމަތަށް ބަލާއިރުގައި އެކަމަކީ މަދީނާގެ މުނާފިގުން ފަށަިގެން އުޅޭ ކަމެއް ކަމަށެވެ. އަދި ނަމޫނާ ލިބިގަންނަން ޖެހޭނީ މުނާފިގުން ތައާރަފުކުރި ދަށު ދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން ކަމަށާއި ނަމޫނާ ލިބިގެނަންނަވީ ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހުލާގީ ސިފަފުޅުތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.