ޚަބަރު

ރަހުމަތްތެރިއެއްގެ ވާޖިބު އަދާކުރުމުގައި އިންޑިއާ ދެމިއޮންނާނެ: މޯދީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ރައީސް މުއިއްޒު އަށް އިންޑިއާ އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި

ރާއްޖޭގެ ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ރަހުމަތްތެރިއެއްގެ ވާޖިބު އަދާކުރުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު މޯދީއާ، ދެ ބޭފުޅުން ވަނީ ވެރިރަށް ދިއްލީގައި ހުންނަ ހައިދްރައާބަދު ހައުސްގައި ޖޮއިންޓް ޕްރެސްކޮންފަރެންސް އެއް ބާއްވާފަ އެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރުކަމުގެ 3 ވަނަ ދައުރު ފުރުއްވަމުން ގެންދަވާ މޯދީ ސިފަކުރެއްވީ ރާއްޖެ އާއި އިންޑިއާ އަކީ "މިތުރުން" ގޮތުގަ އެވެ. އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމުކަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ އިންޑިއާ ނެއިބާ ހޫޑް ޕޮލިސީއާ އާއި އިންޑިއާގެ ކަނޑުގައި ހިމެނޭ ގައުމުތަކަށް ހާއްސަކުރާ "ސާގްރް ވިޝަން" ގައި ރާއްޖެއިން އަދާކުރަނީ މުހިއްމު ރޯލެއް ކަމަށެވެ.

ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ އިރެއްގައި އެންމެ ފުރަތަމަ އެހީވާ ގައުމަކީ އިންޑިއާކަން މޯދީ ފާހަގަކުރެއްވި އެވެ. ޒަރުރީ ތަކެތި ފޯރުކޮށް ދިނުމާއި، ކާރިސާތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން މޯދީ ފާހަގަކުރެއްވި އެވެ. ކޮވިޑް-19 ގެ ވެކްސިން އިންޑިއާއިން ފޯރުކޮށްދިންކަންވެސް މޯދީގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"އިންޑިއާއިން ވަނީ ރަހުމަތްތެރިއެއްގެ ވާޖިބު އަބަދުވެސް އަދާކޮށްފައި, އެކަމުގައި ދެމިއޮންނާނެ" ދެ ގައުމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި މޯދީ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ, އެކަން ރަސްމީކޮށް އިފްތިތާހްކޮށްފައި ވެއެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ހެދުމަށް މަޝްވަރާވެސް ކޮށްފައި ވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ އައު ރަންވޭ އިފްތިތާހުކޮށް، އެގްޒިމް ބޭންކްސް ގަންނަ ފަރާތްތަކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން 700 ސޯޝަލް ހައުސިންގް ޔުނިޓް ހަވާލުކޮށްފައި ވެއެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓާއި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓް ހުޅުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވީ ޔޫޕީއައިއިން އިންޑިއާ ރާއްޖެ ގުޅާލާނެ ކަމަށެވެ. އަދި އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ފެށުމަށްވެސް ދެގައުމުގެ ދެމެދުގައި އެއްބަސްވެފައި ވެއެވެ.

Ads by HDC