ލައިފްސްޓައިލް

އަހަންނަށް އާ ރައްޓެހިން ލިބުނީކީ ނޫނެވެ.ތިބާ އަހަރެން ދޫކޮށްލީއެވެ.

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ލޯބިވާ އެންްމެންނަކީ ހަޔާތުގައި އަބަދު ތިބޭނެ ބަޔެއް ކަމަށް މިހާރު އަހަންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެންމެ ގާތް ކޮށް އުޅުނު މީހުން، ބޭވަފާތެރިވާތަން ފެނި ފެނި އަހަރެން މިއަދު މި ވަނީ ވަރުބަލި ވެފައެވެ.

Ads by STELCO

ކާންދޭ އަތުގައި ދަތް އަޅާފައި ތިބާ ދުއްވައިގަތީއެވެ. އެހެން ނަމަވެސް، ދުނިޔެއަށް ގިނަވެ، ބިކަވީ އަހަންނެވެ. ނުކުރާ ކަންތަކަކުގެ ޒިންމާ ނަގަން ޖެހުނީ ވެސް ޚުދު އަހަންނަށެވެ. ދުނިޔެއަކީ ފާޑެއްގެ ތަނެކޭ ބުނަނީ މި ސަބަބަށްޓަކައި ހުރެ ކަމަށް ވެސް ވެދާނެއެވެ.

އަހަރެންގެ އުފަލަކީ ތިބާގެ އުފާ ކަމުގައި ތިބާ ދުއް ދުވަސް މާޒީވެ ގޮސްފިއެވެ. ހަމަ މި ބީދައިން އަހަރެން ރޯން ފެށުމާއެކު، އަހަންނާއެކު ތިބާ ރުއި ދުވަސްތައް ވެސް މާޒީވެ ހިނގައްޖެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ ތިބާ އަށް އަހަރެމެން އެކު އުޅުނު ދުވަސް ތަކުގެ ހަނދާންތައް އެހާ ފަސޭހައިން ނައްތާލެވުނީ ކިހިނެއް ކަމެވެ.

ލޯބިވެރިން ކަމުގައި ނުވިޔަސް، އެކުގައި އުޅުމަށް ވައުދާއި ހުވާ ކުރީމެވެ. ދުވަހަކުވެސް، މި އެކުވެރި ކަމަށް ބަދަލެއް ނާންނާނެއޭ ބުނީ ޚުދު ތިބާ އަމިއްލަޔަށެވެ. ހަމަ އެހެންމެ، މީހުން ކިޔާނެ އެއްޗަކަށް ނުބަލައި، އަމިއްލަ ނަފްސަށް ދުވަހަކު ވެސް އިތުބާރު ނުކުރާހާ ބޮޑަށް ތިބާ އަށް އިތުބާރު ވެސް ކުރީމެވެ. އެހެނަސް، ތިބާ ކަންތައް ކުރި ގޮތް ނިކަން ބަލާބަލާށެވެ.

އާނއެކެވެ. އަހަންނަށް އާ އެކުވެރިން ތަކެއް ލިބުނެވެ. ނަމަވެސް، އަހަރެން ތިބާ މަތިން ހަނދާން ނައްތައެއް ނުލަމެެވެ. ތިބާއަށް ވެސް އެނގޭނެ ފަދައިން، އަހަންނަކީ މާ ގިނައިން މީހުން ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ. އެހެނަސް، ތިބާގެ މެސެޖަކަށް ޖަވާބު ދޭން ހަނދާން ނެތުމުން، އަހަރެން މި ވެގެން ދިޔައީ ބޭވަފާތެރިޔަކަށެވެ. ކެހިވެރިޔަކަށެވެ.

މިހާރު އަހަންނަކީ ތިބާ ދަންނަ މީހެއް ނޫން ކަމަށް ތިބާ ބުނެފިއެވެ. އެހެނަސް އަހަންނަށް ތިބާ ފެނުނީ ކަމަކު ޖެހުނީމަ އެއް ނޫނެވެ. މެސެޖު ނުކުރީ އާ ރައްޓެހިން ލިބުނީމަ އެއް ވެސް ނޫން ކަމެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި އެންމެ ފަހުން ކަންތައްތައް ވެގެން ދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ވެސް ތިބާ އަށެވެ. އެހެނަސް، އަހަރެން ނެތް ތަން ފޫބެއްދުމަށް ހުރިހާ ކަމެއްގެ އިލްޒާމު އަހަރެންގެ ބޮލުގައި އަޅުވާށެވެ. މިކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް، އަހަރެންގެ ކުށެެއް ނެތް ކަމަށް ތިބާއަށް ވެސް ޤަބޫލު ކުރެވޭނެއެވެ.

ތިބާ އަށް އަހަރެން ގޯސް މީހެއްގެ ގޮތުގައި ފެނުނަސް ހަނދާން ކުރާށެވެ. ހުރިހާ ގުޅުމެއް ކަނޑާލީ އަހަންނެއް ނޫނެވެ. ތިބާއެވެ. ހަމަ ޔަޤީނުން ވެސް، ތިބާ އަހަންނަށްޓަކައި ވި ޤުރުބާނީތައް އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. ތިބާ ބުނި އަހަރެންގެއާ ރައްޓެހިން' ވެސް މިފަދަ ދޯކާއެއް ނުދޭ ކަމަށް އުއްމީދު ކުރާ ހާލު، ތިބާ އަށް ވަދާޢީ ސަލާމް ކިޔަމެވެ.

  1. ޒުބޭ

    އަސަރުން ފުރިފައިވާ ލިޔުމެއް! ވަރަށް އަސަރު ކުރި ):