ޚަބަރު

ރުޕޭއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންޑިއާއާއެކު ވިޔަފާރިކުރުމުގައި ލުއި ލިބޭނެ: މިނިސްޓްރީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރުޕޭއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންޑިއާއާއެކު ވިޔަފާރިކުރުމުގައި ލުއި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީ ބުނެފި އެވެ.

Ads by MWSC

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ, އެކަން ރަސްމީކޮށް މިއަދު އިފްތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވި ޖޮއިންޓް ޕްރެސްގަ އެވެ.

އަދި އެ ހިދުމަތް އިފްތިތާހުކުރުމުގެ ގޮތުން މިއަދު އޮތެންޓިކް މޯލްޑިވްސްގައި ޓްރާންސެކްޝަނެއް ވަނީ ހަދައިފަ އެވެ.

އެއާއެކު ބީއެމްއެލް ޕީއޯއެސް މެޝިންތަކުންނާއި އިތުރު މާޗެއިންތަކުންވެސް އެ ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވިގެންދާނެ އެވެ.

އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރުޕޭ ކާޑުގެ ހިދުމަތަކީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކޮށް ވިޔަފާރީގެ މުއާމަލާތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހަމަ އެހެންމެ ރުޕޭ ކާޑާއި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެސް ފަސޭހަކަމާއެކު މުއާމަލާތް ކުރެވޭނެ ކަމަށެވެ.

"މީގެ އިތުރުން އިންޑިއާއަކީ ރާއްޖޭގެ މުހިންމު ވިޔަފާރީގެ ބައިވެރިއަކަށްވެފައި ރުޕޭ ކާޑުގެ ހިދުމަތުގެ ސަބަބުން  ދެ ގައުމުގެ ދެމެދުކުރެވޭ މާލީ މުއާމަލާތްތައް ފަސޭހަކުރެވި، ވިޔަފާރި އިތުރަށް ފުޅާކުރެވި، ވަކިން ހާއްސަކޮށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތަކުން އިންޑިޔާއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބިގެންދާނެ ކަން ފާހަގަކުރަމެވެ" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.