ކާރަކުން 28 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ކާރަކުން ފެނުނު 28 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ އެ މީހާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ ޕެޓްރޯލް ކުރަމުންދިޔަ އިރު ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ތަރިންދު މަހޭސްހަކަ (25އ) އެވެ.
ފުލުހުން ބުނީ އޭނާ ދުއްވި ކާރު ހުއްޓުވީ އަމީން އެވެނިއު ކައިރިން ކަމަށާއި އެ މައްސަލައާ ގުޅިގެން ކާރު ޓޯކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައިވެސް ކާރެއްގެ ހުއްޓުވާ ބަލާ ފާސްކޮށް 144 ދަޅު ބިޔަރާއި ހަތަރު ފުޅި ބަނގުރާ ފެނިގެން ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކުރި އެވެ.