މިދިޔަ ސަރުކާރުން ވައްކަން ކުރި ކަމަށް އެމްޑީޕީގެ މެންބަރު ޣަފޫރު ވިދާޅުވެއްޖެ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވައްކަން ކުރި ކަމަށް އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ގަޕޯ އެހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ކުރިއަށްދާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.
ގަޕޯ ވިދާޅުވީ 2022 ވަނަ އަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ހުށަހެޅުމުން އޭރުގެ އިދިކޮޅުގައި އޮތް މިއަދުގެ ސަރުކާރުގެ ބޭފުޅުން ވިދާޅުވީ ރައްޔިތުންގެ އަތުން ފޭރެން އުޅެނީ ކަމަށެވެ. އަދި މިއަދު އެ ބަދަލު ގެންނަނީ ގައުމުގެ އިގްތިސޯދުގެ ކުރިއެރުމަށް ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ ކުރިއަށްވުރެ 15 އިންސައްތައަށް އިތުރުވެފައިވާ ކަމަށާއި ހާއްސަކޮށް ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.
"އެހެންވީމާ ކުރީ ސަރުކާރޭ ފަހުގެ ސަރުކާރޭ ކިޔުމުގެ އެއްވެސް ބޭނުމެއް ނެތް މި ގައުމުގެ އިގްތިސޯދުގައި އެއްވެސް މައްސަލައެއް ނެތް. ދައުލަތަށް ވަންނަ ލާރީގައި އެއްވެސް މައްސަލައެއް ނެތް"ގަޕޯ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަނުޖެހޭތަން ފެންނަ ކަމަށާއި ސިޔާސީ ވަޒީފާތަކުގެ އަދަދު އުޅެނީ 2000 އަށްވުރެ މަތީގައި ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ކުންފުނިތަކަކުން މިއަދު އާމްދަނީ 15 ޕަސެންޓަށް ދަށްވެފައިވާކަން ފާހަގަކުރެއްވި އެވެ. ދައުލަތުގެ ކުންފުނިތަކާ އެއްކޮށް 6000 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ރައްޔިތުން ކައިރީ ބުނީ މަތި ބަރު ނޫން ހެޔޮ ލަފާ ސަރުކާރެއް ގަންނާނެކަން ކަމަށް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ގޯސް ކަމެއް ކޮށްފިނަމަ އެއީ ގޯސް ކަމަކަށް ކަމަށާއި ރައްޔިތުންގެ އުންމީދުތައް ވަރަށް ބޮޑު ކަމަށެވެ. އަދި ރައްޔިތުން ދެކެން ބޭނުން ނުވާ ކަންކަން މި ސަރުކާރުގައި ވަރަށް ގިނަ ކަމަށް ގަޕޯ ވިދާޅުވި އެވެ.
"ވައްކަމާއި ކޮރަަޕްޝަން ސަރުކާރުގެ ތެރޭގައި އޮތީ އިންތިހާއަށް. ރޯމާ ދުވާލު ވައްކަން ކުރަމުން އެދަނީ. އަޅުގަނޑު ނުދަންނަވަން އެމްޑީޕީ ސަރުކާރުން ނުކުރެއެކޭއެއް. ކުރި. ސަރުކާރެއް އޮތުމުގެ ބޭނުމަކީ މިކަންކަން ހުއްޓުވުން"މިއަދު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށް ކަމަށާއި ޓެކްސް ބޮޑުކޮށް ނުނަގާ އެއްޗެހިން ޓެކްސް ނަގަންޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.






ކޮމެންޓް