Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރިސޯޓް އޯނަރުންނާ މަޝްވަރާނުކޮށް އެއާޕޯޓް ޓެކްސް ބޮޑުކުރާތީ އައްބާސްގެ ކަންބޮޑުވުން

ރިސޯޓް އޯނަރުންނާ މަޝްވަރާނުކޮށް އެއާޕޯޓް ޓެކްސް ބޮޑުކުރާތީ އައްބާސްގެ ކަންބޮޑުވުން
ރާއްޖޭގެ ރިސޯޓުތަކުގެ އޯނަރުންނާ މަޝްވަރާނުކޮށް އެއާޕޯޓް ޓެކްސް ބޮޑުކުރާތީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އެންމެ އަރިސް ބޭފުޅުން ތެރޭ ހިމެނޭ އައްބާސް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.
"އަޅުގަނޑުގެ ކަންބޮޑުވުންތައް އެބަހުރި. އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި."
އައްބާސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ސަރުކާރުން ޓެކްސްގެ ގާނޫނުތަކަށް ގެންނަ އިސްލާހާއެކު ރާއްޖޭގެ ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިން މަދުނުވެ އެއް މިންގަނޑެއްގައި ހިފެހެއްޓި ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
"ރަށް ރަށުގައި ހުއްޓިފައި ހުރި ފެނާއި ނަރުދަމާ އެޅެން އަންނަނީ ޓެކްސް ބޮޑުކޮށްގެން ކަމަށްވަންޏާ އަޅުގަނޑު މިހުރީ ތައްޔާރަށް. ވޯޓު ދޭންވެސް މިހުރީ ތައްޔާރަށް"
މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެލިދޫ ދާއިރާގެ އެއްވެސް ރަށެއްގައި މަޝްރޫއެއް ނުހިނގާ އޮތުމުން އައްބާސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ ޓެކްސްތައް ބޮޑުކޮށްގެން ވެލިދޫ ދާއިރާއާއި މުޅި ޖުމްލަކޮށް ހުރިހަ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާނެ ކަމަށެވެ. އަދި ރައްޔިތުން ސިއްހީ ހިދުމަތަށް ސަލާން ޖެހުން ހުއްޓުމަކަށް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އައްބާސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއާޕޯޓް ޓެކްސް ބޮޑުކުރަން ވާނީ ޓޫރިޒަމް އިންޑަސްޓްރީ ނަގާ ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރެއްވި ފަންނީ, ތަޖުރިބާހުރި, އިލްމީ ގާބިލު ބޭފުޅުންގެ ލަފަޔާ މަޝްވަރާ ހޯދައިންގެން ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.
"ދާދިދެންމެއަކު 8 ރިސޯޓެއްގެ އޯނަރު މި އިއްޒަތްތެރި މަޖިލީހުގެ ތެރޭގައި އަޅުގަނޑާ ސުވާލުކުރި އެއާޕޯޓް ޓެކްސްއަށް ތިގެންނަނީ ކިހާވަރެއްގެ ބަދަލެއްހޭ އަދަދު ކިޔައިދީބަލާށޭ. އަޅުގަނޑު ހިތަށް އެރީ މިފަދަ ބޭފުޅުންނާ ކީއްވެގެންތޯ މިފަދަ ނިންމުންތައް ނިންމަވާއިރު މަޝްވަރާ ނުކުރައްވަ. މަޝްވަރާކުރުމަކީ މުހިއްމު ކަމެއް"
އައްބާސް ވިދާޅުވީ ރާއްޖެ މިހާރު ވެއްޓިފައި އޮތް އަދަވަޅުން އަރައިގަނެވޭނީ ޓެކްސްގެ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ. ދާއިރާގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް