ކުޑައިރުގެ އުފާވެރި ހަނދާންތައް ގޮސް ބައިންދަނީ މިހާރު ފެށިފައިވާ މަސައްކަތުގެ އަސްލަށެވެ. އެކުވެރިންގެ އުފަންދުވަހާއި އެ ނޫންވެސް މުނާސަބާތުތަކަށް ހަދިޔާކުރި ކަރުދާސް މާ ތަކަށެވެ. އޭރުވެސް މިހާރުވެސް މަސައްކަތަށް ބަހައްޓާ ޝައުގާއެކު, އެންމެ ފުރިހަމައަށް އެކަން ކުރަން ކުރި މަސައްކަތެވެ. އޭރު އެއީ އާއިލާއާއި އެކުވެރިންގެ ކްރާފްޓް އާޓިސްޓޭ ވެސް ބުނެވިދާނެ އެވެ.
ދައްކަން މިއަދު "ސަޕްރައިޒް އެމްވީ" އިން ތައްޔާރުކުރަމުން އަންނަ ނަލަނަލަ ބުކޭ ތަކުގެ ފަހަތުގައި ހުރި އުފެއްދުންތެރި, މަސައްކަތްތެރި މަރިޔަމް ރައުޒާގެ (25އ) ގެ ވާހަކަ އެވެ.
އުފަންރަށް, ރ. ހުޅުދުއްފާރުގައި ތައުލީމް ހާސިލްކުރަމުންދިޔަ ދުވަސްވަރުވެސް ހޮބީއެއްގެ ގޮތުގައި ކުރަން ފެށި މަސައްކަތަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ. ގްރޭޑް 7 ގައި އާންމުންކޮށް ހަދަމުންދިޔަ ކަރުދާސް މަލަށްވެސް "ޑިމާންޑް" ބޮޑުވި އެވެ. ހަފްލާތަކަށް އޭރުވެސް ރައުޒާ އޯޑަރުތައް ނަގަމުން ދިޔަ އެވެ. ޝައުގުވެރިކަން އިތުރުވެ ތަފާތު އެކި ވައްތަރުތަކުންގެ އުފެއްދުންތަކުން އޭނާ ދިޔައީ ހުނަރު މުއްސަނދިކުރަމުންނެވެ.

ބުކޭ ހަދައި ކުޑަ ވިޔަފާރިއެއް ހިންގަމުންދާ މަރިޔަމް ރައުޒާ
އެހެންނަމަވެސް އެފަދަ މަސައްކަތެއް އާމްދަނީއެއް ހޯދުމަށް ފެށުމަށް ރައުޒާގެ ވިސްނުމެއް ނެތެވެ. ފަހަރުގައި ވެސް މިހާރުކުރަމުންދާ ވިޔަފާރި އެހާ ފުޅާވާނެ ކަމަކަށްވެސް އޭނާ އުންމީދެއް ނުކުރެ އެވެ.
ހުޅުދުއްފާރު ސްކޫލުން މަތީ ސާނަވީއާ ހިސާބަށް ކިޔެވުމަށްފަހު އިތުރު ތައުލީމް ހޯދުމަށް ރައުޒާ މާލެ ބަދަލުވި އެވެ. ގައުމީ ޔުނިވާސިޓީއިން ސަރިއާ އެންޑް ލޯ އިން ޑިގްރީ ހާސިލް ކުރުމަށްފަހު މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) ގެ މީޑިއޭޝަން އޮފިސަރެއްގެ ގޮތުގަ އެވެ.
ހަދިޔާއަކަށް ލިބުނު ބުކޭއަކުން ވިޔަފާރީގެ ތެރެއަށް
2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. އާދައިގެ މަތިން އާއިލާއިން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ ރައުޒާގެ އުފަންދުވަހެވެ. އެހެންނަމަވެސް ރައުޒާގެ އެއްބަނޑު އެއްބަފާ ދައްތަ އޭނާއަށް ދިން ހަދިޔާ ތަފާތެވެ. ދައްތަ އަމިއްލައަށް ތައްޔާރުކޮށް ރައުޒާއަށް ހަދިޔާ ކުރީ ރުފިޔާ ބުކޭއެކެވެ.
އެ ބުކޭ ފެނި އެ ފަދަ ބުކޭއެއް ހެދުމުގެ ޝައުގުވެރިކަން ރައުޒާ އުފެދުނެވެ. އެއާއެކު އެކަމަށް މަސައްކަތް ފެށި އެވެ.
"އަޅުގަނޑުގެ އުފަންދުވަހުގައި ދައްތަ އަމިއްލައަށް ތައްޔާރުކޮށްފައި ދިން މަނީ ބުކޭއެއް. ދެން އޭތި ފެނިފައި އަސްލު ބޭނުންވީ އަޅުގަނޑު އަމިއްލައަށްވެސް އަސްލު ބޮކޭއެއް ހަދަން. ޓްރައި ކުރަން".
ފުރަތަމަ ރައުޒާ ހެދީ ހިޖާބް ބުކޭ އެކެވެ. ޝޯލްތައް އޮޅާ ބުކޭއަކަށްލާ ރައްޓެއްސެއްގެ އުފަންދުވަހު އޭނާ ހަދިޔާ ކުރި އެވެ. އެ ބުކޭ ވީ ގިނަ ބަޔަކަށް ކަމުދިޔަ ބުކޭއަކަށް ކަމުން އެއަށްވުރެ ރީތި ބުކޭއެއް ހަދަން ރައުޒާ މަސައްކަތް ފެށި އެވެ.

ވިޔަފާރިއަށް ރައުޒާ ވަގުތު ހޯދަނީ ވަޒީފާއަށް ދަމުން
"އޭގެ ފަހުން ވަރަށް އިންޓްރަސްޓް ހުރި އެކި ވައްތަރު ވައްތަރުގެ އާ ޓައިޕްޓައިޕްގެ ބޮކޭ ހަދަން އެއީ އަސްލު ފެށުނު ގޮތަކީ"
ޕޭޖެއް ހަދައިގެން ރައުޒާ އެ މަސައްކަތް ފެށީ މިދިޔަ އަހަރެވެ. މިއަދު އެއީ ޑިމާންޑް ބޮޑު ވިޔަފާރި އެކޭ ބުނެވިދާނެ އެވެ. ކަރުދާސް މަލުން ފެށިގެން ގޮސް ހިޖާބު ބުކޭއަކުން ފެށި އެ ވިޔަފާރީގައި މިއަދު ކަރުދާހުގައި ބަންދުކޮށް ބުކޭއަށް ހަދައިނުދޭ ހަމަ އެއްވެސް އެއްޗެއް ނެތެވެ. ލިސްޓްގެ ކިތަންމެ ދިގުކޮށް ވެސް ކިއިދާނެ އެވެ. ތަފާތު ވައްތަރުތަކުގެ މާތަކާއި ކައިވެނި ހަފްލާތަކަށް ހަދާ ބުކޭތައްވެސް އޭނާ މިހާރު ވެސް ހަދަ އެވެ.
މީހުން އުންމީދުނުކުރާފަދަ ކުދިގުޅައާއި ތެލުލި ކެޔޮ އެހެރަ ބަންދު ކޮށްލަނީ ބުކޭ އެއްގަ އެވެ. އޭނާގެ އެ ހުރިހާ މަސައްކަތެއްގެ ތެރެއިން ތެލުލި ކެޔޮ ބުކޭއާއި ފުޓްބޯޅަ ބޫޓުލައިގެން ތައްޔާރުކުރާ ބުކޭ ވަރަށް ހާއްސަ އެވެ. އާންމުންގެ ގިނަ ސަމާލުކަމެއް އެ ބުކޭތަކަށް ލިބެމުންދާއިރު ބޭބީ ޝަވާއަކަށް އޭނާ ތައްޔާރުކުރި ތަފާތު, ބޮޑު ބުކޭ ވެސް ރައުޒާއަށް ވަރަށް ހާއްސަ އެވެ.
"އުނދަގޫ އެއްޗެއް އެހެން ބުނެލަން ނޭނގޭ. ބޮޑެތި ބުކޭ ހަދަން ވަރަށް ވަގުތު ނަގާ, ބަރު އެއްޗެހި, ގިނަ އެއްޗެހިލައިގެން ހަދާ ބުކޭތައް. ވަރަށް ބޮޑު ޗެލެންޖަކަށްވޭ މުސައްލަ ބުކޭ ހަދަން"

ކޮންމެ ކަހަލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ތަފާތު އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމީ އަހަރެމެން ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭނެ ހަގީގަތަކެވެ. ރައުޒާގެ މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެއިން ގަންނަ ނުލިބުމަކީ އޭނާގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.
"އެންމެ ފުރަތަމަ ބޮކޭ ހަދަންވެގެން ބޭނުންވާ މެޓީރިއަލްސް ހޯދަންވެގެން އެތައް ބައިވަރު ފިހާރައެއް ބެލިއިރުވެސް ޕޭޕާވެސް ހަމަ މާލެއިން ގަންނަން ނުލިބުނު. އެއީ އަސްލު އެންމެ ބޮޑު ގޮންޖެހުމަކީ"
މަސައްކަތަށް ބޭނުންވާ ތަކެތި ރައުޒާ ގަނެގެން ގެންނަނީ ރާއްޖެއިން ބޭރުންނެވެ. އެގޮތުން ޝީންއާއި އަލީއެކްސްޕްރެސް ފަދަ ވިޔަފާރި ކުރާ ޕްލެޓް ފޯމްތަކުން އެކަމަށް ބޭނުންވާ ސާމާނު ރައުޒާ އެއްކުރެ އެވެ.
"ސަޕްރައިޒް އެމްވީ އޭ އަޅުގަނޑުގެ ޕޭޖަށް ކިޔަން އަޅުގަނޑު ވިސްނީ. މިހަދާ ބޮކޭތަކަކީ މިސާލަކަށް އެހެން މީހަކަށް ސަޕްރައިޒެއްގެ ގޮތުގައި ދޭން ހަދާ އެއްޗެއްގެ ގޮތުގައި ދެކޭތީވެ".
ފޫހިކަމެއް ނެތި ރައުޒާ ކުރަމުން އެ އަންނަ ކަވި މަސައްކަތަށް އޭނާ ވަގުތު ހުސްކުރަނީ އޮފީސް ވަގުތަށްފަހު ދެން އެ ލިބޭ ހުސް ވަގުތުގަ އެވެ. ރައުޒާ ބުނީ މި މަސައްކަތުގައި ވަރަށް ބިޒީ ދުވަސްތައްވެސް އަންނަ ކަމަށާއި ބައެއް ދުވަސްދުވަހު ވަގުތު ނެތިގެން އޯޑަރުތައް ނުނަގަ ދޫކޮށްލަން ޖެހޭ ކަމަށެވެ.

ރައުޒާ ހަދާފައިވާ ބައެއް ބުކޭ
އުންމީދަކީ ބުކޭތައް މުޅި ރާއްޖެއަށް ނަން މަޝްހޫރުވެގެން ދިއުން
ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް ކަމު ދިޔަ ރައުޒާގެ "ސަޕްރައިޒް އެމްވީ" ގެ އޯޑަރުތައް ފެރީތަކަށްވެސް އޭނާ ޑެލިވާ ކޮށްދެ އެވެ. އެ ބުކޭތަކަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނަން މަޝްހޫރު ބުކޭތަކަކަށްވެގެން ދިއުމަކީ އެ މަސައްކަތުގައި އޭނާ ދާން ބޭނުންވާ ހިސާބެވެ. ނުވަތަ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.
އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް އެ ބުކޭތައް ޑެލިވާ ކޮށްދެވޭނެ އިންޒާމު ހަމަޖެހިގެންދާނެ ދުވަހަކަށްވެސް އޭނާ އިންތިޒާރު ކުރެ އެވެ.
"އަނެހެން ވަކި ވައްތަރެއްގެ ބޮކޭ އެއް ނޫން އަޅުގަނޑު މި ހަދަނީކީ. ކޮންމެ އެއްޗެއްވެސް ބޮކޭއަށް ލެވިދާނެ. އަޅުގަނޑު ހަމަ ބޭނުންވަނީ ވީހާވެސް ޔުނީކްކޮށް އަޅުގަނޑު ހަދާ ބޮކޭތައް ހުންނަން. ހަމަ ގަމީހަކަސް ފަޓުލޫނަކަސް ބޫޓަކަސް ހަމަ ކޮންމެ އެއްޗެއްވެސް ލައިގެން ހަމަ އެ މީހަކު ލާން ބޭނުންވާ އެއްޗެއް ލައިގެން ހަމަ ހަދައިދޭން އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ"
ޕޭޖް ޝެއާކޮށް ސަޕޯޓްދޭ މީހުންނަށްވެސް ޝުކުރު!
ރައުޒާގެ މަސައްކަތުގައި އޭނާގެ ފިރިމީހާގެ އިތުރުން އެއްބަނޑު އެއްބަފާ ދައްތައިން އަދި އާއިލާގެ އެހެން މީހުންގެ ފަރާޓުންވެސް އެއްބާރުލުން ލިބެ އެވެ. އަދި ރައްޓެހިންގެ ފަރާތުންވެސް އެހީތެރިކަން ލިބޭއިރު ރައުޒާ ގަބޫލުކުރާ ގޮތުގައި ހަމައެކަނި އެހީތެރި ކަމަކީ ބުކޭ ގަތުމެއް ނޫނެވެ.
ޕޭޖަށް ޕޯސްޓް ކުރާ ފޮޓޯތައް ސްޓޯރީއަށްލާ, ޝެއާކުރާ ރައްޓެހިން އެ ދޭ ސަޕޯޓަކީވެސް ރައުޒާއަށް މުހިއްމު ކަމެކެވެ. އެ ކުޑަ ކުޑަ ކޮންމެ ކަމެއްވެސް އޭނާއަށް ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
އެ ހުރިހާ ކަމެއް ފާހަގަކޮށް ރައުޒާ ވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ރައުޒާ ބުނީ ހުރި ދަތިތައް ފަހަނަ އަޅައި ކޮންމެ ކަމެއްވެސް ކުރަން ކެރިއްޖެނަމަ ކުރެވިދާނެކަމަށް
ކުރަން ކެރިއްޖެއާ ވާނެ!
ރައުޒާގެ ގިނަ ދުވަސްވީ ތަޖުރިބާއިން މި ފަދަ މަސައްކަތެއް ކުރަން ބޭނުންވާ ކުދިންނަށް ދޭ މެސެޖެއް އެބަ އޮތެވެ. ރައުޒާ ބުނީ އެ މަސައްކަތަކީވެސް ކުރަން އުނދަގޫ މަސައްކަތެއް ނޫން ކަމަށެވެ. އަދި ހަމައެކަނި ބޭނުންވަނީ ކުރަން ކެރުމާއި ކުރާ ހިތުން ކުރުން ކަމަށް ރައުޒާ ބުނެ އެވެ.