މާލެއަކީ ސާފު ރީތި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން މޭޔަރު ގޮވާލައްވައިފި
މާލެއަކީ ސާފު ރީތި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން މާލޭގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
މާލެ ސިޓީގެ ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުން ހަރުދަނާކުރުުގެ މަސައްކަތް ފެށުމުގެ ގޮތުން މާލެ ސިޓީގެ ޕާކުތަކާއި މައިޒާންތައް ބަލަހައްޓަވާ ބޭފުޅުންނާ މޭޔަރު ބައްދަލުކުރައްވައި މިއަދު ވިދާޅުވީ މާލެއަކީ ސާފު ރީތި ބަލާލަން ހިތްފަސޭހަ ތަނަކަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އަދި އެކަންކަން ހާސިލުކުރުމަށްޓަކައި ޕްލޭންކޮށްގެން ގަވައިދުތަކާއި އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ކޮންމެ ދުވަހަކު ހެނދުނު މަސައްކަތަށް ނުކުންނަވާއިރު، ތިމާގެ ފަރާތުން ކޮންމެވެސް މީހަކަށް ނުވަތަ ކޮންމެ ވެސް ބަޔަކަށް، އިޚުލާޞްތެރި ޚިދުމަތެއް ފޯރުކޮށް ދެއްވުމުގެ ނިޔަތް ހިތުގައި ބާއްވާއިގެން މަސައްކަތަށް ނުކުންނެވުމަށް އެދެން " މޭޔަރު ވިދާޅުވި އެވެ.
މޭޔަރުގެ ވާހަކައިގައި މުދާ ބެލެހެއްޓުމުގައި މާލިއްޔަތު ގާނޫނަށް އަމަލުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
"ކައުންސިލްގެ މުދަލަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތު، މި ތަކެތި ބަލަހައްޓަމުން ގެންދަންޖެހޭނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް،ޕާކަކުން/މައިޒާނަކުން ވެސް އެއްވެސް އެއްޗެއް ނެރެން, އެއްވެސް އެއްޗެއް އެ ތަނަށް ވައްދަން ޖެހޭނީ ވެސް، އޭގެ ރެކޯޑްތައް ލިޔެކިޔުމުން ފެންނަންހުންނަ ގޮތަށް" އާޒިމް ވިދާޅުވި އެވެ.