ޓެލެތޯންއިން ލިބުނު ފައިސާ ހަވާލުކުރިތޯ ޔަގީންކުރަން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
 
                                                        ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން, ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ފަންޑާ ހަވާލުކުރެވުނުތޯ ސުވާލުކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މިނިސްޓަރު ހާޒިރުކުރަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މީކާއިލް، މިނިސްޓަރު ހަލީލްއާކުރާ ސުވާލުގައި ބުނެފައިވަނީ ޖޫން 13 ގައި ކުރިއަށް ގެންދިޔަ ޓެލެތޯންއިން ލިބުނު ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރެވިއްޖެތޯ އާއި އެ ފައިސާ ހަވާލުނުކުރެވޭނަމަ އެކަމަށް 4 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ސަބަބު ސާފުކޮށްދެއްވުމަށެވެ.
އެ ފައިސާ ފަލަސްތީން ރައްޔިތުންނަށް ރައްދުކުރެވޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް ވެސް މީކާއިލްގެ ސުވާލުގައިވެ އެވެ.
އެ ފައިސާ ހަވާލުކުރިތޯ ޔަގީންކުރަން ހަލީލްއާ ސުވާލުކުރަން ހުށަހަޅުއްވާފައިވާއިރު މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެ ފައިސާ އދ. ގެ ޖަމިއްޔާ ޔުނައިޓެޑްނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
