ގަވައިދާ ހިލާފަށް އެތެރެވާން އުޅުނު 51 ބިދޭސީން މި އަހަރު ހިފެހެއްޓި: ޝަމްއާން

ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބިދޭސީން މި އަހަރު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ ރާއްޖެއަށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކު ވަގަށް އެތެެރެވާން އުޅޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ.
އަދި އެ މީހުން ވަގަށް އެތެެރެވަނީ ފޯޖުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް 51 ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"މިގެ ތެރޭގައި ކައުންޓާފީޓް ޕާސްޕޯޓާއި ނޫނީ ޝަހުސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އޭގެ އިތުރުން އޭގަ ޖަހާފައި ހުރި ބައެއް ވިސާތަކަކީ ފޯޖުކޮށްފައި ހުރި ވިސާތަކެއްކަން ވަނީ ފާހަގަކުރެވިފައި" ޝަމްއާން ވިދާޅުވި އެވެ.
ރާއްޖެއިން ޑީޕޯޓްކުރާ ބިދޭސީން ވެސް ޝަހުސު އޮޅޮވާލައިގެން އެހެން ނަމެއްގައި އާ ޕާސްޕޯޓެއް ހައްދައިގެން ރާއްޖެ އެތެރެވާން ވެސް މީގެ ކުރިން މަސަައްކަތްކޮށްފައިވެ އެވެ.
އޭގެ އިތުރުން ފޭކު ޕާސްޕޯޓް ބޭނުންކޮށްގެން އެހެން ގައުމުތަކަށް އެތެރެވާން ވެސް ރާއްޖެ ޓްރާންސިޓް ހަބެއްގެ ގޮތުގައި ވެސް ބައެއް ބިދޭސީން ބޭނުން ކުރެ އެވެ.