ރިޕޯޓް

އެމްޕީއެލް: އިގްތިސޯދު ސިންދަފާތު ކުރުމުގެ ބައިވެރިޔާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

1986 ވަނަ އަހަރު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ, އެމްޕީއޭގެ ނަމުގައި ރާއްޖޭގެ މެރިޓައިމް ހިދުމަތަށް ހާއްސަކޮށް ސޯލް އޮޕަރޭޓާއެއް އުފެއްދި އެވެ. އޭގެ ކުރިން 1950 ވަނަ އަހަރުން ފެށިގެން އެކި ނަންނަމުގައި މި ހިދުމަތް ވަރަށް ހަނިގޮތަކަށް ދެމުން ދިޔަ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, އެމްޕީއެލްގެ ނަމުގައި ކުންފުންޏެއް އުފައްދައި ކޯޕޮރަޓައިޒްޑް ކުރީ 2008 ވަނަ އަހަރެވެ. އެމްޕީއެލްގެ ހިދުމަތް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އިގްތިޞާދީ މައި އެއް މަސައްކަތެވެ.

Ads by Hajj Corporation

ބަންކަރިން ހިދުމަތް ފެށުން

ރާއްޖޭގައި މުޅިން އަލަށް އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށި ހަބަރަކީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ނޫހެއްގެ ފަލަ ސުރުހީގައި އެންމެ ފާހަގަކޮށްލެވުނު ހަބަރެވެ. މިއީ ރާއްޖޭގެ އިގްތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިގެން ފަށާފައިވާ ހިދުމަތެކެވެ.

ބަންކަރިން އަކީ ބައިނަލްއަގުވާމީ މުދާ އުފުލާ އާގު ބޯޓުތަކަށް ތެލާއި ފެން ފޯރުކޮށްދިނުމާއި އެހެނިހެންވެސް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިއީ ރާއްޖެއަށް ބޭރުގެ ފައިސާ ހޯދުމަށް މުހިންމު މަސައްކަތަކަށް ވާއިރު މި ހިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, އެމްޕީއެލް އާއި, ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން, އެސްޓީއޯ ގުޅިގެންނެވެ. އެސްޓީއޯއިން މަސްއޫލުވާނީ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމަށެވެ.

ބަންކަރިން ހިދުމަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު “ދެން އޮންލައިން” އާއި ވާހަކަ ދެއްކެވި އެވެ.

“އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ދެނީ ވޯޓާ ބަންކަރިން. ދެން ހަމަ އެއާ އެއްކޮށް ޕައިލެޓޭޖް ހިދުމަތް ދޭނީވެސް އެމްޕީއެލް އިން.”

މީގެ އިތުރުން ބަންކަރިންގެ ތެރެއިން ބޯޓު ފަހަރުގައި އުފެދޭ ކުނި އެއްކޮށް އެ ކުނި ނައްތައިލުމުގެ ހިދުމަތްވެސް އެމްޕީއެލްއިން ފޯރުކޮށްދޭނެ އެވެ. ބޯޓުތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތާއި ބޯޓަށް ބޭނުންވާ އެއްވެސް އިކުއިޕްމެންޓެއް ފޯރުކޮށްދޭން ޖެހިއްޖެނަމަ ނުވަތަ ޓެކްނިކަލް ހިދުމަތެއް ދޭން ޖެހިއްޖެނަމަ އެ ހިދުމަތްވެސް އެމްޕީއެލްއިން ފޯރުކޮށްދޭނެ އެވެ.

ބަންކަރިން ހިދުމަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދޭން ނިންމާފައިވާ ހިދުމަތެއްކަމުން ވަޖީހު ވިދާޅުވި ގޮތުގައި އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސާވިސަސްގެ ނަމުގައި ކުންފުނީގެ ވަކި ހާއްސަ ހިދުމަތެއް ފަށައިފަ އެވެ. ހއ. އުލިގަމުގައި މި ހިދުމަތުގެ ހެޑް އޮފީސް ހަދައި ބަންކަރިން ހިދުމަތް މިވަގުތު ދޭނީ ހަމައެކަނި ރާއްޖޭގެ އުތުރުގަ އެވެ.

މުޅިން އަލަށް ހިދުމަތެއް ދޭން ފަށާއިރު ގޮންޖެހުންތަކެއް ހުންނާނެކަން ވަޖީހު ފާހަގަ ކުރެއްވި އެވެ.

“ހިދުމަތް ފެށުމަށްފަހު އިނގެނީވެސް ކަސްޓަމާ ބޭނުންވާ ގިނަ ކަންކަން އެ ހުންނަ ގޮތްވެސް. މިހާރު ކުރިއަށް އެބަދޭ އެކަންކަން”

ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތަށް ކަސްޓަމަރުން އެދެމުން ދާކަމަށެވެ. އެހެންނަމަވެސް މި ހިދުމަތް ފޯރުކޮށްދޭ އަވައްޓެރި އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ހިދުމަތް ދޭ އަގުތައް ބޮޑުކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން ކުންފުނީގެ ބޯޑުން ވަނީ އަގުތައް ރިވައިޒްކޮށް ކޮމްޕެޓިޓަރުންގެ އަގުތަކާއި އެއްހަމަ ކޮށްފައި ކަމަށް ވަޖީހު ވިދާޅުވި އެވެ.

ރާއްޖެ ފިޔަވައި ވަށައިގެން އޮތް އަވައްޓެރި ހުރިހާ ގައުމެއްގައިމެ ބަންކަރިން ހިދުމަތް ވަރަށް ފުޅާކޮށް ކާމިޔާބުކަމާއިއެކު ދެމުން ދާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިދިޔަ އަހަރުތަކުގައި މި ހިދުމަތް ފޯރުކޮށްދޭން ރާއްޖެ އޮތީ ނުކުޅެދިފަ އެވެ. އެހެންނަމަވެސް މިއީ ރާއްޖޭގެ އިގްތިޞާދަށް އޭގެ ފައިދާ ކުރާނެ ހިދުމަތެއްކަމަށް ވަޖީހު ދެކެ އެވެ. މެދުއިރުމަތީގައި ދޭތެރެ ދޭތެރެއިން ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑުމަގުން ދަތުރު ކުރާ ބައިނަލްއަގުވާމީ ބޯޓު ފަހަރުތަކަށް މުހިންމު ސަރަހައްދެކެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ދަތުރުކުރާ ބޯޓު ފަހަރު ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.

“އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އަދި އަޅުގަނޑުމެންނަށް ފެންނަން ހުރި މައުލޫމާތަކީވެސް ދިވެހިރާއްޖެ ހުރަސްކޮށްފަ ދާ ބޯޓުތައް ދެން އަންނަ މިންވަރު ކުރިއަށްވުރެއްވެސް އިތުރުވާނެއޭ”

ޕޯޓުގެ ހިދުމަތް ފުޅާކުރުން

ރާއްޖޭގެ މައި ޕޯޓު މިހާރު އޮންނަނީ މާލެ ސިޓީގަ އެވެ. މި ޕޯޓުގައި ވަރަށް ގިނަ ދަތިތައް އެބަ ހުއްޓެވެ. ޖާގައިގެ ތަނަވަސްކަން ނެތުމާއި ބަނދަރު އޮންނަ ގޮތުން ބޮޑެތި ބޯޓުފަހަރު ކައިރިކުރުމަށްވެސް ދަތިތައް އެބަ ހުއްޓެވެ. އެމްޕީއެލްއިން މިހާރު ވަނީ މިކަން ހައްލު ކުރުމަށް 20 ހެކްޓަރުގެ ބިމެއް ތިލަފުށިން ނަގައިފަ އެވެ. އެބިމުގައި ވަގުތީ ކީވޯލެއް ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު ކޮންޓެއިނަރު ޖެހުމަށް މާލޭ ޕޯޓުގައި ހާއްސަކޮށްފައި އޮންނަ ސަރަހައްދު ފުރުމުން ތިލަފުއްޓަށް ޓްރާންސްފާ ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ތިލަފުށިން ގަނެފަ އޮތް ބިމުގަ ވަގުތީ ކީވޯލެއް ޖަހައިގެން އެތަނަށް ހުސް ކޮންޓެއިނަރުތައް ޓްރާންސްފާ ކުރާނަން.”

ތިލަފުށި ޕޯޓު ނިމުމުން މާލޭ ޕޯޓު ފުރިގެން ހުއްޓިފައި އޮތް ހިދުމަތްތައް ލުއި ފަސޭހައިން ދެވޭނެކަމަށް ވަޖީހު ވަނީ ވިދާޅުވެފަ އެވެ.

މެރިޓައިމް ހިދުމަތަށް ބޮޑު އިސްކަމެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރާ އެއް މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ހިދުމަތް ފުޅާކުރުމެވެ. މެރިޓައިމް ހިދުމަތަކީ ބޯޓުފަހަރު ދުއްވުމާއި ކާގޯ އުފުލާ ބޭލުން އެކަންޏެއް ނޫނެވެ. މިއީ އެއަށްވުރެއް މާ ފުޅާކޮށް ދެވިދާނެ ހިދުމަތެކެވެ. 

“އޭގެ ތެރޭގައި އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު މި ފާހަގަކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުގަވެސް ހާއްސަކޮށް ކުރިއަރާފައިވާ ގައުމުތަކުގަވެސް ފުޅާކޮށް ކުރަމުން އަންނަ ކަމެއް ސީ ޓު އެއާ ކާގޯގެ ހިދުމަތް ދިނުމަކީ”

މި ހިދުމަކީ ކަނޑުމަގުން ރާއްޖެ ގެންނަ މުދާ އެއާޕޯޓަށް ގެންގޮސް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މިހިދުމަތަށް ޑިމާންޑު އޮތްކަން އެނގުމާއިއެކު މި އަހަރުގެ މާޗު މަހުގެ ތެރޭގައި މަޝްވަރާތަކަށްފަހު އެއްބަސްވުންތަކެއް ހެދި އެވެ. އަދި ފުރަތަމަ ޝިޕްމެންޓް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ޔޫރަޕަށް ވަނީ އުފުލައިފަ އެވެ. ސްރީލަންކާ ފަދަ ގައުމުތަކުން 50 ކޮންޓެއިނަރުގެ ޝިޕްމެންޓު ރާއްޖެ ގެނަސް ޔޫރަޕަށް ގެންދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާކަން ވަޖީހު ފާހަގަކުރެއްވި އެވެ. އެހެންކަމުން މިއީ ބޮޑު މާކެޓެއްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސީ ޓު އެއާ ކާގޯ ހިދުމަތުގެ ސަބަބުން އާމްދަނީ ލިބެނީ ހަމައެކަނި އެމްޕީއެލްއަށް އެކަންޏެއް ނޫނެވެ. އެމްއެސްއެސްއަށާއި އެއާޕޯޓަށްވެސް މީގެން އާމްދަނީ ލިބޭކަމަށް ވަޖީހު ވިދާޅުވި އެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިގްތިޞާދަށް އޭގެ ފައިދާ ކުރާ ކަމެއްކަން ފާހަގަކުރެއްވި އެވެ.

އާމްދަނީއަށް ބޮޑު ކުރިއެރުމެއް

މިވެރިކަން ފެށުނުއިރު އެމްޕީއެލްގެ އާމްދަނީ އަކީ މަހެއްގެ މައްޗަށް 60 މިލިއަން ޑޮލަރެވެ.

“އަޅުގަނޑުމެން އައިސްގެން ދިހަރަވަކަށް މަސްތާ މި ވީ. މިހާރު ރެވެނިއު ކްރޮސްކޮށްފި 90 މިލިއަން”

އަލަށް އެމްޕީއެލްއިން ކުރަންފެށި މަސައްކަތްތަކުގެ ސަބަބުން އިތުރުވި އާމްދަނީގެ ހިސާބުތައް ވަޖީހު ވިދާޅުވެދެއްވި އެވެ. އެހެންނަމަވެސް މިއީ ގިނަ ހިދުމަތްތަކެއް ފަށައިގެން މާ ގިނަ ދުވަހެއް ނުވެ އިތުރުވީ އަދަދުކަން އޭނާ ފާހަގަކުރެއްވި އެވެ. ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިޔުމުން އެމްޕީއެލްގެ އެކަނި އާމްދަނީވެސް މިހާރަށްވުރެއް މާ ބޮޑަށް އިތުރުވާނެ އެވެ.

އެހެންނަމަވެސް މިހާ ހިސާބަކުން އަދި ނުނިމެ އެވެ. އެމްޕީއެލްއިން ގަސްތު ކުރަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ޕޯޓުތަކުގެ ބޭނުން ދިވެހިންވެސް މިހާރަށްވުރެއް ފުޅާކޮށް ހިފާށެވެ. އޭގެ ތެރޭގައި މަސްވެރިކަމުން އުފައްދާ ބާވަތްތައް މޮރިޝަސް އާއި ސީޝެލްސް ފަދަ ގައުމުތަކަށް އެކްސްޕޯޓު ކުރުންފަދަ ކަންކަން ހިމެނެ އެވެ. އިންޑިއާ ކަނޑުން ހޯދާ މަހުން އެހެން ގައުމުތަކުން އާމްދަނީ ހޯދާއިރު ދިވެހިންނަށްވެސް އާމްދަނީ ހޯދޭނެކަމަށް ވަޖީހު ދެކެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ކުޅުދުއްފުށި ބޯޓު ޔާޑު ފައިބަރު މަސައްކަތަށް ހާއްސަކުރުމާއި އެހެނިހެން ގޮތްގޮތުންވެސް އެމްޕީއެލްގެ އިގްތިޞާދީ މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި ފުޅާކުރެވިގެން ދާނެކަމަށް ވަޖީހު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!