މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އަޅަނީ
 
                                                        މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް ނިންމައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ފިޝަރީޒް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ އާރުއޯއެސް ފޯ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދުގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އީނާސް ނަސީރު އެވެ. އަދި އާރްއޯއެސް ފޯރ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓާ ހަމަދު މުހައްމަދު އަލް މިންހާލީ އެވެ.
އެ މަޝްރޫއުގެ ދަށުން މ. މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ގާބިލުކަން ހުންނާނެއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަސް ދެވިފައިވެ އެވެ. މުޅި މަޝްރޫޢަށް 5.188 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ އެވެ.
މި ފެސިލިޓީ ގާއިމުކުރުމުން މުލަކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
