ތަހުގީގީ ނޫސްވެރިކަމުގެ ވީޑިއޯ ކެޓަގަރީއަށް އެވޯޑުދިނީ އުސޫލާ ހިލާފަށް: ފަނޑިޔާރުން
މިދިޔަ ބުދަ ދުވަހުގެ ރޭ މޯލްޑިވްސް މީޑިއާ ކައުންސިލުންދިން 11 ވަނަ ނޫސްވެރިކަމުގެ އެވޯޑްގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އޯޑިއޯ, ވީޑިއޯ ކެޓަގަރީއަށް އެވޯޑުދީފައިވަނީ އުސޫލާއި މަގްސަދުތަކާ ހިލާފަށް ކަމަށް އެވޯޑުގައި އިންސާފުކުރި ފަނޑިޔާރުންގެ ޕެނަލްއިން ބުނެފި އެވެ.
އެ ކެޓަގަރީއިން އެވޯޑު ދީފައިވަނީ އަދަދު ނޫހުން ހުށަހެޅި"ޖީ ސްކީލާން" ޑޮކިއުމަންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން ގެެނެސްދީފައިވާ ޑޮކިއުމެންޓްރީއެކެވެ.
ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ:
- މުހައްމަދު ސަލީމް
- ޝަމްއާން ޝާކިރު
- ހަސަން އާމިރު
- ފާތިމަތު އަޝްވާ ފަހީމް
- އަބްދުالله ނައީމް އިބްރާހީމް
- އަބްދުالله އަޒްމީން
އެ 6 ފަނޑިޔާރުން ސޮއިކުރައްވާ ރޭ ނެރުނު ބަޔާނުގައި ބުނީ އެވޯޑު ދީފައިވާ އުފެއްދުމަކީ މީޑިއާގެ އަހްލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި ޝާއިއުކޮށްފައިވާ ކޮންޓެންޓެއްކަން މީޑިއާ ކައުންސިލުން 28 ސެޕްޓެމްބަރުގައި ނެރުނު ބަޔާނުން އެނގެން އޮތް ކަމަށެވެ.
އެ އުފެއްދުން ބަލައިގަނެ, ނޮމިނޭޓްކޮށް, ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ މީޑިއާ ކައުންސިލުން ބަލަންވާ ވަރަށް ނުބަލާކަން ފާހަގަކޮށް ފަނޑިޔާރުން ބުނީ އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
އެ ބަޔާނުގައި ބުނީ އެކަމާ ގުޅިގެން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރު ކަމާއެކު ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި އެ ކެޓަގަރީން އިންސާފުކުރަން ދީފައިވާ 'ރުބްރިކް' ގައި ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސްދެވޭނެ އެއްވެސް ގޮތެއް ނެތްކަން ފަނޑިޔާރުން ފާހަގަކުރި އެވެ.
ފަނޑިޔާރުން އިތުރަށް ބުނީ މީގެ ކުރިން ފަނޑިޔާރުންގެ ނިންމުންތައް ހަވާލުކުރަނީ ސިޓީ އރައެއްގައި ބަންދުކޮށް, ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ.