ވަގުތީ ބުޅާ ފެސިލިޓީ "އޮޅު ހިޔާ" ހުޅުވައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ގާއިމްކުރާ ވަގުތީ ބުޅާ ފެސިލިޓީ "އޮޅު ހިޔާ" މިއަދު ހުޅުވައިފި އެވެ.
ބުޅާ ފެސިލިޓީ ހުޅުވާދެއްވުމަށް މިއަދު ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް ކަމަށެވެ.
ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ނަމަވެސް ސަރުކާރުން އަޅުގަނޑު މޭޔަރަކަށް ވީ ހިސާބުން އެ ފުރުސަތު ނުދިން. އަހަރެއްހާ ދުވަސް ހުޅުމާލެއިން އެ ބިން ލިބޭތޯ މަސައްކަތްކޮށް ނުލިބި، އަދި އެތައް ގޮތަކަށް މަސައްކަތްކޮށްގެންވެސް އޭރުގެ ސަރުކާރުން އެއްވެސް ފުރުސަތެއް ނުދިން އެކަން ކުރާކަށް."
އޮޅު ހިޔާ މަޝްރޫއު ހަގީގަތަކަށް ހެދުމަށް މި ސަރުކާރުން ކުރި މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގ އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ނަމުގައި މިނިސްޓްރީއެއް ގާއިމުކުރެވިގެން ދިޔަ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ފެސިލިޓީ ގާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަސީލަތްތަކެއް މަގު ފަހިކޮށްދެއްވައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެނިމަލް އެންޑް ވެލްފެއާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާގެ އިތުރުން މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެ މަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތައް ތަންފީޒުކުރުން ހިމެނެއެވެ.