ޚަބަރު

ފަސް ޕަސެންޓް ބްލޮކް ގްރާންޓް ލިބޭ އިސްލާހުތައް މަޖިލީހަށް އަވަހަށް ހުށަހަަޅަން އެމްޑީޕީން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީ ސަރުކާރުގައި ކައުންސިލުތަކަށް ހާއްސަކޮށްގެން ބޭއްވި ''ވިއަވަތި'' މަހާސިންތާގެ ތެރެއިން

ލާމަރުކަޒީ ގާނޫނުގެ ދަށުން ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ލިބޭ ގޮތަށް އޮންނަ މާއްދާއާ އެއްގޮތަށް އަމަލުކުރުމަށް ބަޖެޓަށް ހުށަހަޅަން ޖެހޭ އިސްލާހުތައް އަަވަހަށް މަޖިލީހަށް ހުށަހަަޅަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

Ads by STELCO

56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ލިބެންވާ އަދަދުގެ ތެރެއިން 3ބައިކުޅަ އެއްބައިވެސް މި ފަހަރު ކައުންސިލްތަކަށް ނުލިބެ އެވެ.

މި އަހަރަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލްތަކަށް ފާސްކޮށްދީފައި އޮތް ނަމަވެސް އަންނަ އަހަރަށް ކައުންސިލްތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެހެން ނަމަވެސް މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމަށް އިއްޔެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެހެން ރައީސް ވިދާޅުވެފައި އޮއްވައި އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް ވީ އެންމެ އަވަހަކަށް މަޖިލީހަށް ހުށަހަޅަން ސަރުކާރަށް ގޮވާލައިފަ އެވެ.

އެމްޑީޕީން އިތުރަށް ބުނީ ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ކުރަމުންދާ ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރާ ކަމަށެވެ. އަދި މުހިންމު އެ ސިޔާސަތުތައް ދެމެހެއްޓުމުގައި އެމްޑީޕީން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!