ފަލަސްތީނުގެ ހައްގުގައި އިތުރަށް މަސައްކަތް ކުރަން މިނިސްޓަރު ގޮވާލައްވައިފި
ފަލަސްތީނުގެ ރައްުޔިތުންގެ ހައްގުގައި އިތުރަށް މަސައްކަތް ކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފި އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގައި މި ނޮވެމްބަރު މަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް" އަށް ތައްޔާރުވުމުގެ ގޮތުން ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ހަލީލް ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ތަގުރީރުކުރައްވައިފަ އެވެ
އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާތަކަށް ލުޔެއް ލިބިފައިނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވައި މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކުން އަރައިގަތުމަށް އެހީވުމަކީ މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން އެކަމުގައި އަމަލީ މަސައްކަތްކުރުމަށް ގޮވާލައްވައި މިނިސްޓަރު ވަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގަމުންގެންދާ އަމަލުތައް ކުއްވެރިކޮށް ވަކި ގައުމެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގުވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވައިފަ އެވެ.
އަދި އދގެ ސަލާމަތީ މަޖިލިސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ފަދަ ޕްލެޓްފޯމްތަކުގައި އިސްރާއީލް ޖަވާބްދާރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ގޮވާލެއްވި އެވެ.
ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓަކީ ސައުދީއަރަބިއްޔާގެ ސަރުކާރާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ލީގް އޮފް އަރަބް ސްޓޭޓްސް އާ ގުޅިގެން ފަލަސްތީން އަދި ލުބްނާނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.