ސީއެސްސީގެ ރައީސް ހިމެނޭހެން މެންބަރުންތަކެއް ވަކިކުރަން ހުށަހެޅި މައްސަލަ ކޮމިޓީއަށް
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް, އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ހިމެނޭހެން ކޮމިޝަންތަކުގެ މެންބަރުންތަކެއް ވަކިކުރަން ހުށަހެޅި މައްސަލަ ދިރާސާ ކުރަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ތިން ކޮމިޝަނެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން ހުށަހެޅުއްވި އެވެ.
އެ ކޮމިޝަންގެ މުގައްރިރު, މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މަޖިލީހަށް ފޮނުވި ސިޓީ އިއްވަވައިދެއްވަމުން އަމީން އާންމު ފާތިމަތި ނިޔުޝާ ވިދާޅުވީ އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ ވާޖިބު އަދާކުރުމުގައި އެއްވެސް ބިރަކަށް, ނުފޫޒަކަށް ލެބިގެން ނުވާނެ ކަމަށެވެ.
އަދި އެ ކޮމިޝަންގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުން ވެސް ނުސީދާ ގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލްކުރަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެކަންކަމާ ހިލާފަށް ކަމެއް ކޮށްފިނަމަ އެއީ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ރިޒާ ފާހަގަކުރައްވާފައިވެ އެވެ.
އެހެން އެކަން އޮތްއިރު އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުލް ސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެކަންކަމާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސްގެ ގާނޫނު ބަޔާންކޮށްފައިވާ ސުލޫކީ ހަމައަކާ މެންބަރުން ހަލާފުވެއްޖެނަމަ އެ މެންބަރަކު މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ކަމެއް ކުރި ކަމަށް ބަލާ އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެގޮތަށް ބަޔާންކޮށްފައިވަނިކޮށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ ކޮމިޝަންގެ މެންބަރު ކަމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން އިލެކްޝަންގެ ގާނޫނުގައި, އެ ކޮމިޝަންގެ މެންބަރުން މަގާމުގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަން ޖެހޭ ހަމަތަކާއި ތަބާވާން ޖެހޭ ސުލޫކީ ހަމަތައް ބަޔާންކޮށްފައިވެ އެވެ. އަދި އެގޮތަށް ބަޔާންކޮށްފައިވަނިކޮށް ސުލޫކީ ހަމައަކާ އެ ކޮމިޝަންގެ މެންބަރަކު ހިލާފުވެއްޖެނަަމަ އެ މެންބަރަކުން މަގާމުގައި ހުރެ ކުރަން އެކަށީގެން ނުވާ ކަމެއް ކުރީ ކަމަށް ބަލާ ވަކިކުރެވޭނެ ހާލަތެއް އޮތް ކަމަށް ބުނެފައިވެ އެވެ.
އެހެން ބަޔާންކޮށްފައިވަނިކޮށް އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް އާއި މެންބަރު ޑރ. މުހައްމަދު ޒާހިރު އެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފު އަަމަލެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ.
ކޮމިޝަންތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނު އިސްލާހުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެ ދެ ބިލުގެ ބަހުސް ނިންމާ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.