ރާއްޖޭގެ މާލީ މަރުކަޒަން އަޅަން މަގުފަހިކުރަން ގަތަރު ފައިނޭންޝަލް ސެންޓަރާއެކު އެއްބަސްވުމެއް
ރާއްޖޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ ފައިނޭންޝަލް ސެންޓަރު، އެޅުމުގެ މަގު ފަހިކުރުމަށް އިކޮނޮމިކް މިނިސްޓްރީން ގަތަރު ފައިނޭންޝަލް ސެންޓަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގަތަރު ފައިނޭންޝަލް ސެންޓަރަކީ ހަލީޖު ސަރަހައްދުގެ މުހިއްމު އޮންޝޯ މާލީ މަރުކަޒެކެވެ. އެ ސެންޓަރުން ދަނީ ބައިނަލްއަގުވާމީ އަދި ގަތަރުގެ މާލީ އިދާރާތައް އެ ސެންޓަރުގައި ރަޖިސްޓްރީވުމަށް ހިތްވަރުދީ އިރުމައްޗާއި ހުޅަނގުގެ ކްރޮސްރޯޑްސްގައި ގަތަރަކީ ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި މި ކުންފުނިން އިސްތިހާރުކުރެ އެވެ.
2005 ވަނަ އަހަރުން ފެށިގެން އޮންޝޯރް ފައިނޭންޝަލް އެންޑް ބިޒްނަސް ސެންޓަރެއް ކަމުގައިވާ ގަތަރު ފައިނޭންޝަލް ސެންޓަރު (ކިއުއެފްސީ) ވަނީ 2،200 އަށް ވުރެ ގިނަ ފާމްތައް ޝައުގުވެރިކޮށް ގަތަރުގެ އިގްތިސޯދީ ޑިއިވާސިފިކޭޝަނާއި ކުރިއެރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެއްބަސްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އޭގެ އިތުރުން ސައީދު ވިދާޅުވީ މި އެއްބަސްވުމަކީ ގަތަރު ފައިނޭންސް ސެންޓަރުގެ ތަޖުރިބާއާއި އިލްމު ހޯދުމުގެ އެއްބަސްވުމެއްގެ އިތުރަށް ރާއްޖެއާއި ގަތަރުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ދުނިޔޭގެ ފެންވަރުގެ މާލީ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ކާމިޔާބުކުރުމަށް ކޮންމެހެން ބޭނުންވާ އިލްމާއި ހުނަރު ބިނާކުރުމަށް އެހީތެރިވާނެ އެއްބަސްވުމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ މާލީ މުއައްސަސާތަކާއެކު ގުޅުންތައް ގާއިމުކުރުމަށް ވިއުގަ ބިނާކުރުމުގައި ގަތަރު ފައިނޭންސް ސެންޓަރުން އެހީތެރިވާނެ ކަމަށެވެ. އެއީ ރާއްޖޭގެ މާލީ މަރުކަޒު ގާއިމުވެގެން އަންނައިރަށް ބޭނުންވާ ކޮންޓެކްޓުތައް އުފެއްދުމަށް މުހިންމު ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މާލީ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ އިލްމު ފޯރުކޮށްދީ، މާލީ ހިންގުމުގެ ދާއިރާއާއި، ރެގިއުލޭޓުކުރުމުގެ އޮނިގަނޑުތައް އެކުލަވައިލުމާއި، މާލީ މަރުކަޒުތައް ހިންގުމުގެ އިސްތިރާޖިއްޔާތައް އެކުލަވައިލުން ފަދަ ކަންކަމުގައި ގަތަރު މާލީ ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ތެރެއިން ދެ ގައުމުގެ މެދުގައި ބަދަލުކުރެވޭ އެހީއާއި އެއްބާރުލުމުގެ ތެރެއިން އިގުތިސާދީ ކުރިއެރުމާއި ތަރައްގީ ހާސިލުކުރެއްވި ދެ ގައުމަށްވެސް މުހިންމު މަންފާތަކެއް މުސްތަގުބަލުގައި ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.