މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ނޭޗާ ކޮންސަވަންސީ އާއެކު ފަހުމުނާމާއެއް
މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ދަ ނޭޗާ ކޮންސަވަންސީ އާއެކު ފަހުމުނާމާއެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި އިގުތިސޯދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމުގެ ގޮތުން ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.
އެ ފަހުމުނާމާއިގައި ސޮއިކުރީ މިހާރު އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދާ ކޮޕް ސަމިޓުގެ ތެރެއިންނެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދަ ނޭޗާ ކޮންސަވަންސީ އާއެކު ގާއިމުކުރާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލަކަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
މި ޕާޓްނާޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިން ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި ރަށްރަށުގެ އިގުތިސޯދު ކުރިއެރުވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
އިތުރަށް ބުނީ ޕާޓްނާޝިޕް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ އަލީގައި ރާއްޖޭގެ މެދުރާސްތާ މެކްރޯފިސްކަލް ސްޓެބިލިޓީ އާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އިތުުރު ބާރެއް ލިިބިގެންދާނެ ކަމަށެވެ.
ދަ ނޭޗާ ކޮންސަވަންސީއަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ.