ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަކީ ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
މި އަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރަކީ ހަކުރު ބައްޔާއި ދުޅަހެޔޮކަމެވެ. މި ޝިއާރު އަމާޒުކުރެވިފައި ވަނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ދުޅަހެޔޮކަމުގެ މައްޗަށެވެ. ބައްޔާ އެކު ވެސް އެކަށީގެންވާ ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބަލިމީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން، މިފަދަ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކުގެ ބޭނުންތަކުގެ މައްޗަށް ރިއާޔަތްކުރެވިގެން މުޖުތަމައުގައި ކަންކަން އިންތިޒާމު ކުރުމެވެ.
އިންޓަނޭޝަނަލް ޑައެބެޓިކް ފެޑެރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދުނިޔޭގެ 537 މިލިއަން މީހުން ދަނީ ހަކުރު ބަލި ތަހައްމަލު ކުރަމުންނެވެ.
2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ދެމެދު ކުރެވުނު ސްޓެޕް ސާވޭ އާ ހަވާލާދީ އެޗްޕީއޭއިން ބުނީ ރާއްޖޭގައި އެ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތް އާބާދީގެ 14 އިންސައްތައަށް އަރާ ކަމަށެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ބުނީ ބަލި ތަހައްމަލުކުރަމުންދާ މީހުން ހަކުރު ކޮންޓްރޯލްކޮށް ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭނެ ކަމަށެެވެ.
އެގޮތުން ގަވާއިދުން ބޭސް ކެއުމާ އެކު، ހާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރު ކުރުމަށާއި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓްތައް ހަދަން ޖެހޭ ކަމަށެވެ.
ގަވާއިދުން ޑޮކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދައި، ކެއިންބުއިން ވަކި ގޮތެއްގައި ބެހެއްޓުމާއި ގަވާއިދުން ކަސްރަތު ކުރަން ޖެހޭ ކަމަށެވެ. އަދި ދުފުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުން ހުރި އަމަލުތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ހަކުރު ބައްޔާ ގުޅިގެން ދިމާވާ "ކޮމްޕްލިކޭޝަންސް" ތައް މަދުކުރުމަށް ނުވަަތަ ދުރާލާ ދެނެގަތުމަށް ތިމާއަށް ކުރެވިދާނެ ކަންކަން އޮޅުންފިލުވައި ދެނެގަތުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަކުރުބަލީގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ޓައިޕް 1 ޑައިބެޓީސް އާއި ޓައިޕް 2 ޑައިބެޓީސް އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުން އިންސިއުލިން އުފައްދައި ނުދިނުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.