އިތުރު 3 ރިސޯޓެއްގެ ކުނި އުކާލަން ވެމްކޯއިން އެއްބަސްވެއްޖެ
އިތުރު 3 ރިސޯޓެއްގެ ކުނި އުކާލުމުގެ އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެކު މިއަދު ސޮއިކޮށްފި އެވެ.
އެ 3 ރިސޯޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރުފަހު މާގިރި ހޮޓަލްގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
މިއަދު ސޮއިކުރި ތިން ރިސޯޓަކީ:
- މަލަހިނި ކުޑަބަނޑޮސް މޯލްޑިވްސް
- ޖުމެއިރާ އޮޅަހަލި މޯލްޑިވްސް
- މޫވެންޕިކް ރިސޯޓްސް ކުރެދިވަރު މޯލްޑިވްސް
ވެމްކޯއިން ބުނީ އަންނަ ހަފްތާގެ ތެރޭގައި އިތުރު 2 ރިސޯޓަކާއެކު އެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
މިދިޔަ ޖުލައި މަހު ވެމްކޯއިން ފެށި އެ ހިދުމަތުގެ ތެރެއިން މިހާތަނަށް އެ ކުންފުނިން ހިދުމަތް ދެމުން އައީ 3 ރިސޯޓަކަށެވެ.
އެއީ ކޯރާ ކޯރާ މޯލްޑިވްސް، އަލައިލާ ކޮތައިފަރު މޯލްޑިވްސް އަދި ނޮކު މޯލްޑިވްސް އެވެ. އެއީ ޒޯން 2 ގައި ހިމެނޭ ރިސޯޓްތައްކަމުން އެ ރިސޯޓްތަކުން އުފެދޭ ކުނި ގެންދަނީ ރ. ވަންދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށެވެ.
މިއަދު ބޭއްވި ހަފްލާގައި އެ 3 ރިސޯޓަށް ސަސްޓެއިނަބަލް ރިކޮގްނިޝަން ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.
ރިސޯޓުތަކުގެ ކުނި އުކާލުމުގެ ހިދުމަތް ވެމްކޯއިން ފެށުމުގެ ކުރިން ކުނި ހިފައިގެން ތިލަފުއްޓަށް ދަނީ ރިސޯޓްގެ ފަރާތުންނެވެ. ތިލަފުއްޓާ ހިސާބަށް ކުނި ހިފައިގެންދާއިރު ކަނޑަށް ގިނަ އަދަދެއްގެ ކުނި އެޅޭކަމުގެ ވާހަކަތައްވެސް ދެކެވެ އެވެ.
މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ރިސޯޓުން ބަރުކުރާ އަދަދަށް ތިލަފުއްޓަށް ކުނި ގެންގޮސް ޕްރޮސެސް ކުރެވޭކަން އެ ކުންފުނީގެ މުވައްޒަފުން ކަށަވަރުކުރާ ކަމަށެވެ. އަދި ކުނި ހިފައިގެންދާ މަގުމަތީގައި އެއްވެސް ކުންޏެއް ކަނޑަށް ނޭޅޭނެކަމުގެ ޔަގީންކަން މުޖުތަބާ ދެއްވަ އެވެ.
މުޖުތަބާ ވިދާޅުވީ އެ ހިދުމަތަކީ ވެމްކޯއަށް ނުހަނު ފައިދާ ބޮޑު ހިދުމަތަކަށްވާއިރު އެ ހިދުމަތަކީ ފުޅާކޮށް, އާމްދަނީ އިތުރުކުރެވޭނެ އެއް މަގު ކަމަށެވެ.
އެހެންނަމަވެސް އެ މަސައްކަތް ފެށުމަށް ރިސޯޓުތަކަށް ގޮސް އެތަނުގެ ފަރާތްތަކާ ވާހަކަދައްކާ ކަންކަން ނިންމުމަށް ގިނަ ވަގުތު ހޭދަވާކަން މުޖުތަބާ ފާހަގަކުރެއްވި އެވެ.
ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރު ލެވެލްގެ ބޭފުޅުން ވަޑައިގެން ވެމްކޯއިންދެމުންދާ އެ ހިދުމަތުގައި ބޭނުންކުރާ ފެސިލިޓީތައް ބައްލަވާލައްވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. މުޖުތަބާ ވިދާޅުވީ ރިސޯޓްތަކުން އެ ހިދުމަތުގެ ތެރެއަށް ވަންނަނީ އިންޓަނޭޝަނަލް ސްޓޭންޑާޑަށް އެކަންކަން ކުރެވޭކަން ޔަގީންވުމުން ކަމަށެެވެ.
ރާއްޖޭގެ ދެބައިކުޅަ އެއްބައި ރިސޯޓް އެ ހިދުމަތުގެ ތެރެއަށް ވަނުމަކީ ވެމްކޯގެ އަމާޒުކަން ފާހަގަކުރައްވަމުން މުޖުތަބާ ވިދާޅުވީ އެ އަމާޒަށް ވާސިލުވެއްޖެނަމަ އެއްވެސް ދަތިކަމެއް ނެތި މުވައްޒަފުންނަށްވެސް މުސާރަ ދެވިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.