ރައްޔިތުން ބޭނުންވަނީ ބާރު ސްޕީޑުގައި ގާނޫނު އަސާސީ އިސްލާހުކުރަން: އަބްދުއްރަހީމް
ރައްޔިތުން ބޭނުންވަނީ ބާރު ސްޕީޑުގައި ގާނުނު އަސާސީ އިސްލާހުކުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފަސް ކަމަކާ ގުޅޭ ގޮތުން ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު އިސްލާހު ހުށަހަޅައި އަދި މިއަދުން މިއަދަށް އެ އިސްލާހުތައް ފާސްކޮށް ވަނީ ތަސްދީގުވެސްކޮށްފަ އެވެ.
އޭގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހުތަކާއި އަދި މަޖިލީހުގެ ރުހުން ލިބިގެން ނޫނީ ބޭރު ސިފައިން ރާއްޖޭގައި ނުތިބެވޭ ގޮތަށް ގެނައި އިސްލާހުތައް ހިމެނެ އެވެ،
ނަމަވެސް ހަމަ އެއްމެ ދުވަހަކުން އެ އިސްލާހުތައް ގެނައުމުން ވަނީ އިދިކޮޅުގެ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
އަބްދުއްރަހީމް އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޕީއެސްއެމްއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއީ އާ ކަމެއް ނޫން ކަމަށެވެ.
އަދި ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހާއްސަ އިގުތިސާދީ ސަރަހައްދާ ބެހޭ ބިލުވެސް ފާސްކުރީ ހަމަ އެ ދުވަހު ހުށަހަޅައިގެން ކަމަށެވެ.
އަދި ނިމިގެން ދިޔަ މަޖިލީހުގައި ވެސް އެގޮތަށް އަަމަލުކޮށްފައި އޮތް ކަމަށާއި އަދި މިއަދު އަމަލުކުރި ގޮތަކީ މަޖިލީހުގައި ގަވައިދުންވެސް މަނާ ކުރާ ކަމެއް ނޫން ކަމަށެވެ.
އަދި މިއަދު ބިލު ފާސްވެެގެން ދިޔައީ ހުރިހާ އިޖުރާތްތަކެއް ވެސް ފުރިހަަމަކުރުމަށް ފަހު ކަމަށެވެ.
"ދެން މި ޒަމާނަކު ނުޖެހޭ ދެއްތޯ 17 އަހަރު ވަންދެން ގާނޫނު އަސާސީ އިސްލާހުކުރަން ތިބި ގޮތަށް ގާނޫނުތައް އިސްލާހުކުރަން ތިބޭކަށް. އެއަށް ވުރެ މާ ބާރު ސްޕީޑުގައި ރައްޔިތުން އެބަ ބޭނުންވޭ ކަންކަމުގައި ކުރިއަށްދާން. އެ ބޭނުމުގައި ސުޕަ މެޖޯރިޓީ ޕީއެންސީއަށް ދިނީ" އަބްދުއްރަހީމް ވިދާޅުވި އެވެ.