މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ކޯޓަށް
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ހުސައިން އެވެ.
ގާނޫނޫ ވަކީލު އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނަށް އިސްލާހުތައް ގެނެސްފައިވަނީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާއި، އޮނިގަނޑާ ވެސް ހިލާފަ ކަމަށެވެ. އެހެންކަމުން އެ އިސްލާހުތައް ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 4 މާއްދާ: އެ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.
ގާނޫނު އަސާސީގެ 8 މާއްދާ: ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން ވާނީ އެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަމަށް އެ މާއްދާގައިވެ އެވެ.
ގާނޫނު އަސާސީގެ 26 ވަނަ މާއްދާ: ގާނޫނޫއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އެ މާއްދާގެ ހ،ށ،ނ ގައިވާ ހައްގުތައް ލިބިގެންވެ އެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާ: ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ އެވެ. އަދި އެބަޔަކު އިންތިހާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރަންވާނެ އެވެ.
ގާނޫނު އަސާސީގެ 90 ވަނަ މާއްދާ: އެ މައްދާގެ ހ ގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތުގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވެ އެވެ.
ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް:
މެންބަރުންގެ ގޮނޑި ގެއްލުން
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީއިން ވަކިވުމުން, ވަކިކުރުމުން, އެހެން ސިޔާސީ ޕާޓީގެ މެންބަރަކަށްވުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެ އެވެ.
މަޖިލީހުގެ ރުހުމާއިއެކު ސިފައިން ތިބުން
އެ ބިލްގެ 4 ވަނަ އިސްލާހަކީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެއީ އެ އިސްލާހުގައި ބުނެފައިވަނީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި, މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބާރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެނެއްނުވާނެ ކަމަށެވެ.
ކަނޑުން ސަރަހައްދެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެން ހެދުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ގާނޫނު އަސާސީގައި ލިޔަން ހުށަހަޅާފައިވެ އެވެ.
އެ މާއްދާއަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުގެ ބަދަލުގައި ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތަށް ބަދަލުކުރުމަށެވެ. މުޅި މަޖިލިސް ކޮމިޓީން އެ ބިލް ފާސްވެފައިވަނީ އެ އިސްލާހާއެކު އެވެ.
ގައުމީ ތަރަައްގީގެ ޕްލޭން ރައީސަށް
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބ ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އެންގުމާއި، އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
ޝާޑު ހުށަހެޅުއްވި ބިލުގައި އިތުރަށް ލިޔެފައިވަނީ (ކުރު ރާސްތާއަށާއި، މެދު ރާސްތައަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުން) އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހުކުރެވޭނީ ރައްޔިތުންގެ ހިޔާލުން
ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރިޔާސީ އަދި މަޖިލިސް މެންބަރުންގެ ދައުރު ހިމެނޭ ގާނޫނުއަސާސީގެ މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ބުނާ މާއްދާ އިސްލާހުކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އެ ބިލުގައި ހުށަހަޅާފައިވެ އެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލް ފާސްކޮށްފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާއަށް ރާއްޖޭގެ ސަރަހައްދު ކަނޑައެޅުން ވެސް ހިމަނައިގެންނެވެ.