ރީޖަނަލް އެއާޕޯޓްސްގެ ލޯނުތަކުގެ މައުލޫމާތު ހޯދަން ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މާލީ ހާލަތު ރަނގަޅު ކުުރުމަށް ރާވާފައިވާ ކަންތައްތަކާއި އެ ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ސާފުކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެސްއޯއީ ކޮމިޓީގެ ސަބް-ކޮމިޓީގައި ތިއްބަވަނީ ކިނބިދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ އަޝްރަގާއި މާވަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ޝާކިރާއި ފޭދޫ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހިމްދީދީ (ޑީޑީ) ގެ އިތުރުން ގައްދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު އަލީ އެވެ.
ސަބް-ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ އާރުއޭސީއެލްގެ މާލީ ހާލަތު ރަނގަޅު ކުުރުމަށް ރާވާފައިވާ ކަންތައްތަކާއި އެ ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލު ކުރުމެވެ.
ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ޑީޑީ އެވެ. އޭނާގެ ހުށަހެޅުން ފާސްކޮށް ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.
އާރުއޭސީއެލްއަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 95 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 24 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.
ސަރުކާރުން ވަނީ އާރުއޭސީއެލްގެ ހިންގުން ހަރުދަނާ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލު ކުރުމަށް ނިންމާފަ އެވެ.
މީގެ ކުރިން އެ ކޮމިޓީން ވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ މިދިޔަ 5 އަހަރުގެ މާލީ ހިސާބުތަކާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކަމަށް ކުންފުނިން ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 3 އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕޯޓްސް، އެއާޕޯޓް، އެއާލައިން ދާއިރާގައި ހިމެނޭ ކުންފުނިތަކުގެ ހާލަތު ދިރާސާ ކުރުމަށް އެކުލަވާލާފައިވާ އެސްއޯއީ ކޮމިޓީގެ ސަބް-ކޮމިޓީއެކެވެ.