ހުޅުމާލެ ޖަލުގައި އާއިލީ ބައްދަލުވުންތަކަށް ހެދި ގެ ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދަލުވުންތަކަށް ހެދި ގެ ހުޅުވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގެ ރަސްމީކޮށް ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އެވެ.
ކަރެކްޝަނުން ބުނީ އެ ގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ އޮތް ތަނަކީ ޖާގަ ވަރަށް ކުޑަ ތަނެއް ކަމަށާއި އެހެންވެ އެތަނުން ހިދުމަތް ވެސް ދެވެނީ ފަހަރަކު އެއް އާއިލާއަށް ކަމަށެވެ.
ނަމަވެސް މިއަދު ހުޅުވުނު ބައްދަލުކުރާ ގެ އަކީ އޭސީކޮށް، ޖާގައިގެ ގޮތުން ތަނަވަސް އަދި ފަހަރަކު 3 ފަރާތަކަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުގެ ފުރުސަތު ލިބިގެންދާނެ ގެއެއް ކަމަށް ބުނެފައިވެ އެވެ.
އަދި ބައްދަލުވުމަށް އާއިލާއާއެކު ޖަލަށްދާ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ބައްދަލުކުރާ ގޭގައި ހާއްސަ ކިޑްސް ކޯނާއެއް ވެސް ގާއިމުކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.
އޭގެ އިތުރުން، ބައްދަލުކުރާ ގެއާއެކު އިންވެގެން އޭސީކޮށްފައިވާ ވެއިޓިން ރޫމްއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
އެ ވެއިޓިން ރޫމް ބޭނުންކުރެވޭނީ އާއިލާއިން ބައްދަލުކުރުމަށް ހާޒިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށް ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.
ކަރެކްޝަނުން ބުނީ މިއަދު ހުޅުވި ތަނާއެކު ގައިދީންނަށާއި ބަންދު މީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު 100 އިން ސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ.