ގާނޫނީ ދާއިރާގެ ކޯސްތައް ހިންގަން ހުއްދައަށް އެދޭއިރު ދައްކަން ޖެހޭ ފީތައް ބާ ކައުންސިލުން އާާންމުކޮށްފި
ގާނޫނީ ދާއިރާގެ ކޯސްތައް ހިންގަން ހުއްދައަށް އެދޭއިރު ދައްކަން ޖެހޭ ފީތައް ބާ ކައުންސިލުން އާާންމުކޮށްފި އެވެ.
ގާާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މަރުކަޒުތަކުން ރާއްޖޭގައި ގާނޫނީ ދާއިރާއިން ހިންގާ ކޯސްތަކަކީ ބާ ކައުންސިލުން ހުއްދަ ދީފައިވާ ކޯސްތަކަކަށް ވާން ޖެހޭނެ އެވެ.
އަދި އެ ގާނޫނުގެ ދަށުން މި އަހަރުގެ މާޗު މަހު ގެޒެޓުކުރި ގަވައިދުގައި ބުނެފައިވާ ގޮތުގައި ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް ހިންގުމަށް ޓްރާންސިޝަނަލް ރިކޮގްނިޝަން ނުވަތަ ޕްރޮވިޝަނަލް ރިކޮގްނިޝަން ނުވަތަ ފުލް ރިކޮގްނިޝަން ހޯދުމަށް ބާާ ކައުންސިިލަށް ހުށަހަޅާ އިރު ފީއެއް ދައްކަން ޖެހޭނެ އެވެ.
އެއާއެކު މިހާރު ގާނޫނީ ދާއިރާގެ ކޯސްތައް ހިންގާ މަރުކަޒުތަކުން ވެސް ބާ ކައުންސިލްގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެ އެވެ.
ބާ ކައުންސިލްއިން މިއަދު ވަނީ އެ ފީތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް މިއަދުން ފެށިގެން އަމަލުވެސް ކުރަން ފަށައިފަ އެވެ.
އެގޮތުން ގާނޫނީ ދާއިރާގެ ކޯހެއް އަލަށް ހިންގަން "ރިކޮގްނިޝަން"އަށް ހުށަހަޅާއިރު 50،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
އަދި މިހާރު ގާނޫނީ ދާއިރާގެ ކޯސްތައް ހިންގާ ފަރާތްތަކުން އިންތިގާލީ މަރުހަލާގައި ނުވަތަ "ޓްރާންސިޝަނަލް ރިކޮގްނިޝަން"ގެ ހުއްދައަށް އެދޭއިރު ވެސް 50،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
އަދި ގާނޫނީ ދާއިރާގެ ކޯސްތައް ހިންގަން ބާ ކައުންސިލުން ފުރަތަމަ ދޫކުރާ ޕްރޮވިޝަނަލް ރިކޮގްނިޝަން ލިބުމަށް ފަހު އަދި ފުލް ރިކޮގްނިޝަންއަށް އެދި ހުށަހަޅާއިރު ވެސް 50،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
ޓްރާންސިޝަނަލް ރިކޮގްނިޝަން ލިބިފައިވާ ނުވަތަ ޕްރޮވިޝަނަލް ރިކޮގްނިޝަން ލިބިފައިވާ ނުވަތަ ފުލް ރިކޮގްނިޝަން ލިބިފައިވާ މަރުކަޒުތަކުން ގާނޫނީ ތައުލީމުގެ އިތުރު ޕްރޮގްރާމެއް ހިންގުމަށް އެދި ހުށަހަޅާއިރު ވެސް 25،000 ރުފިޔާ އާއި 100،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.