Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރަށްރަށުގެ ކޮންމެ ގެސްޓުހައުސްއަކުން 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ލުއިދީފި

ރަށްރަށުގެ ކޮންމެ ގެސްޓުހައުސްއަކުން 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ލުއިދީފި
ރަށްރަށުގެ ކޮންމެ ގެސްޓްހައުސްއަކުން 25 ޑޮލަރުގެ ރޭޓުން، ޑޮލަރު ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް  މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވައިދުން ބައެއް ކަންކަން ބަދަލުކޮށް "ބޭރު ފައިސާއާ ބެހޭ" ބިލެއް ޑްރާފްޓްކޮށް އާއްމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ. އެމްއެމްއޭ އިން މިރޭ އާއްމުކުރި އެ ބިލުގެ ޑްރާފްޓުގައި ޓޫރިޒަމް ފެސިލިޓީތައް ދެ ކެޓަގަރީ އަށް ބަހަލާފައި އޮންނައިރު ލުއިތައް ގެނައީ ކެޓަގަރީތަކަށް ގެނައި ބަދަލުންނެވެ. ކެޓަގަރީ އޭ: ޓޫރިސްޓު ރިސޯޓުތަކާއި، ފްރައިވެޓް އައިލެންޑްތަކާއި، ރިޒޯޓް ހޮޓާތަކާއ، އަދި އެނޫންވެސް އެފަދަ ތަންތަން (މިއިން ކޮންމެ ތަަނަކުން ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ބޭންކަށް ޑޮލަރު މާރުކުރަންވާނެ) ކެޓަގަރީ ބީ: ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތައް އަދި ޓޫރިސްޓް ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތައް (މިއިން ކޮންމެ ތަަނަކުން ބޮލަކަށް 25 ޑޮލަރުގެ ރޭޓުން، ބޭންކަށް ޑޮލަރު މާރުކުރަންވާނެ) ކުރިންވެސް "އޭ" ކެޓަރީގައި ހިމެނެނީ ރިސޯޓުތަކުގެ އިތުރަށް 50 އަށް ވުރެ ގިނަ ކޮންމެ ޓޫރިސްޓު ހޮޓަލަކާއި ޓޫރިސްޓު އުޅަނދެކެވެ. އާ ބިލުގައި ކެޓަގަރީ ބީ އަށް ބަދަލުކޮށްފައިވަނީ 50 ކޮޓަރިއަށްވުރެ ގިނަ ޓޫރިސްޓު ހޮޓާތައް/ގެސްޓުހައުސް އަދި ޓޫރިސްޓު އުޅަނދުތަކެވެ. މި ބަދަލުގެ ސަބަބުން މި ތަންތަނުން ޖެހެނީ ބޮލަކަށް 500 ޑޮލަރުގެ ބަދަލުގައި 20 ޑޮލަރު ބޭންކަށް މާރުކުރަންށެވެ. ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކެއް ބިލުގައި ކަނޑައަޅާފައިވެ އެވެ. އެއީ:
  1. ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުން
  2. އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
  3. އެ ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް
އެމްއެމްއޭއިން ބުނީ އެކުލަވާލި ބިލުގެ މައިގަނޑު މަގުސަދަކ،ީ އޮކްޓޫބަރު 1 ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އެ ބިލު އެކި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް ފޮނުވައިފައިވާއިރު އެ ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމުރައްޔިތުންގެ ހިޔާލު އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް