ކެންސަރުގެ ފަރުވާއަށް ބޭރަށް ދާން ކުރިންވެސް 1000 ޑޮލަރެއް ނުދެން: އެންސްޕާ
ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެއްވެސް އިރަކު އެންސްޕާއިން 1000 ޑޮލަރު ދީފައިނުވާނެ ކަމަށް އެ އޭޖެންސީން ބުނެފި އެވެ.
ކެންސަރުގެ ބަލި ޖެހިފައިވާ މީހަކު އިންޑިއާއަށް ފަރުވާއަށް ދިއުމަށް ނިމިގެން ދިޔަ ސަރުކާރުގައި ދިޔައިރު އެހީތެރިއާއަށް ޓިކެޓްގެ އިތުރުން އެހީގެ ގޮތުގައި 1000 ޑޮލަރު ދިން ކަމަށާއި ނަމަވެސް މި ސަރުކާރުން ވެރިކަަމަށް އައުމަށް ފަހު އެ އަދަދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި މީހަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ނަމަވެސް އެންސްޕާއިން އެ މީހާގެ ވާހަކަތައް ދޮގުކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް 9 ފަހަރު އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އަދި އެހީތެރިޔާ އަމިއްލައަށް ނެގި ޓިކެޓަށްވާ ފައިސާގެ އިތުރުން ކޮންމެ ފަހަރަކު ވެސް އެހީގެ ގޮތުގައި ދީފައިވަނީ 200 ޑޮލަރާއި 250 ޑޮލަރު ކަމަށް ލިޔެކިޔުންތަކާއި ސިސްޓަމުން ފެންނަން އެބައޮތް ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.
އެމީހާގެ ޝަކުވާތަކާ ގުޅިގެން އޭނާއާ ބައްދަލުކުރި ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.
"އެކަމާ ގުޅޭ ގޮތުން އޮޅުންފިލުވުމުން އެ ފަރާތުން ބުނެފައިވަނީ ކޭސް އަވަސްކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވުމުގައި ހުންނެވި އިސް ބޭފުޅުންނަށް ގުޅާފައި ދެންނެވި ކަމަށާއި އެއަށްފަހު ކުއްޖަކު ގުޅާފައި އަންނަން ބުނި ކަމަށާއި، އަދި ދިއުމުން އޭފޯ ސައިޒް ގަނޑެއްގައި އެ އަދަދަށް [1000 ޑޮލަރު] ފައިސާ ހަވާލުކުރި ކަމަށެވެ" އެންސްޕާގެ ބަޔާނުގައި ބުނެފައިވެ އެވެ،
އެހެން ނަމަވެސް އެކަން ހިނގިކަަމަށް ލިޔެކިޔުމުން ފެންނަން ނެތް ކަމަށާއި އަދި އެކަން ހިނގާފައިވާނަމަ އެކަން ހިނގާފައިވަނީ އުސޫލާ ހިލާފަށް ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.