އެހީގެ މައުލޫމާތު ހާމަކުރެވިފައިވާތީ އެންސްޕާއިން މާފަށް އެދިއްޖެ
ކެންސަރުގެ ފަރުވާއަށް އެންސްޕާއިން މީހަކަށް ދިން އެހީގެ ތަފްސީލީ މައުލޫމާތު ހާމަކުރެވިފައިވާތީ އެންސްޕާއިން މާފަށް އެދިއްޖެ އެވެ.
ކެންސަރުގެ ބަލި ޖެހިފައިވާ މީހަކު އިންޑިއާއަށް ފަރުވާއަށް ދިއުމަށް ނިމިގެން ދިޔަ ސަރުކާރުގައި ދިޔައިރު އެހީތެރިއާއަށް ޓިކެޓްގެ އިތުރުން އެހީގެ ގޮތުގައި 1000 ޑޮލަރު ދިން ކަމަށާއި ނަމަވެސް މި ސަރުކާރުން ވެރިކަަމަށް އައުމަށް ފަހު އެ އަދަދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި މީހަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ނަމަވެސް އެންސްޕާއިން އެ މީހާގެ ވާހަކަތައް ދޮގުކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް 9 ފަހަރު އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި އެއިން އެއްވެސް ފަހަރަކު އޭނާއަށް 1000 ޑޮލަރު އެހީގެ ގޮތުގައި ދީފައި ނެތް ކަމަށެވެ.
އެ ބަޔާނުގައި އެ މީހާގެ ނަމެއް ހާމަކޮށްފައި ނުވި ނަމަވެސް ދިން އެހީގެ ތަފްސީލު ހާމަކޮށްފައިވާތީ ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ.
ހުދު އެންސްޕާއިން ވެސް މިރޭ ވަނީ އެހީގެ މައުލޫމާތު ހާމަކުރެވުނީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
އެހެންވެ އެކަމަށް މާފަށް އެދޭކަމަށް އެންސްޕާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.