ޖަރާސީމުން ޖެހޭ ބަލިތަކަށް ފަރުވަދޭ ބޭސްތަކަށް އެކްޝަން ޕްލޭނެއް ލޯންޗުކޮށްފި
ޖަރާސީމު (ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް) ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުންދެވޭ ބޭސްތަކަށް ކިޔާ 'އެންޓިމައިކްރޮބިއަލް ރެސިސްޓެންސް' ބެހޭ ގައުމީ އެކްޝަން ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
"ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޮބިއަލް ރެސިސްޓެންސް" (އެންއޭޕީ އޭއެމްއާރު) ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
"އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް" އުފެދުމޭ ކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެ ބޭސްތައް އަސަރު ނުކުރާގޮތްވުމަށެވެ.
2024- 2029 އަށް ކުރިއަށް އޮތް 5 އަހަރު ދުވަހަށް އެކުލަވާލި އެ ޕްލޭނަކީ 2029 ގެ ނިޔަލަށް އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އެކުލަވާލި ދެވަނަ ޕްލޭނެވެ. ފުރަތަމަ އެކްޝަން ޕްލޭން އެކުލަވާލާ އަމަލުކުރަން ފަށާފައިވަނީ 2017 ވަނީ އަހަރުން ފެށިގެންނެވެ.
އެ ޕްލޭން އިފްތިހާހކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހުން ރައްކާތެރިކަން ނުލިބޭކަމުގައިވާނަމަ އޭގެ ސަބަބުން އޮތް ނުރައްކާ އޮތީ ހަމައެކަނި އިންސާނުންނަށް ނޫން ކަމަށެވެ. އެއީ މުޅި ކާބޯތަކެތީގެ ނިޒާމާއި އެކޯސިސްޓަމަށް އޭގެ އަސަރުކުރާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޮންޓްރޯލް ކުރަން ހުރި ގޮންޖެހުންތަކަކީ، ވަކި ގައުމެއް ތަފާތުކުރުމެއް ނެތި އެ ގޮންޖެހުންތައް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ.
އެއީ ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ބައިވެރިވުން އެކަމަށް ބޭނުންވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިއަހަރު އެކަމާއި ގުޅިގެން އދ. އެންމެ ހައިލެވެލް ބައްދަލުވުމުގައި ރައީސް މުއިއްޒު، ދިވެހިންގެ ސިއްހަތަށް އެކަމުގައި ހުރި ގޮންޖެހުންތަކާއި ސީރިއަސްކަން ހާމަކޮށްދެއްވާފައިވާކަން ނާޒިމް ފާހަގަކުރެއްވި އެވެ.
އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ބެހޭ ނޭޝަނަލް އެކްޝަން ޕްލޭން (2024–2029) އެކުލަވާލާފައިވަނީ ކުރީގެ ޕްލޭން މުރާޖައާކުރުމަށްފަހު އެ ޕްލޭން ތަންފީޒުކުރުމާއި ހުރި ގޮންޖެހުންތައް ހިމެނޭ ގޮތަށެވެ. އެ ޕްލޭނަކީ ޑަބްލިޔުއެޗްއޯގެ ގްލޯބަލް އެކްޝަން ޕްލޭނާ ގައި ހިމަނާފައިވާ ކަންކަމަށް ރިއާޔަށްކުރުމަށް ފަހު އޭގައި ހިމެނޭކަންކަންވެސް ހިމަނައިގެން އެކުލަވާލި ޕްލޭނެކެވެ.
އެއީ ކުރިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ބިނާކޮށް އޭއެމްއާރާ ދެކޮޅަށް މަސައްކަތް ކުރުމަށް މިހާރު ހުރި ހުރަސްތައއް ބަލައި އެކަންކަން ހައްލުކުރެވޭނެ ގޮތަކަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމަކީ މުސްތަގުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލަ އެވެ. އަދި ދުނިޔެއަށް ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބިފައިވާ ގިނަ ކުރިއެރުންތަކަށް ބޮޑު ގޮންޖެހުމަކަށް އެކަން ވެދާނެ ކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާވަނީ އިންޒާރު ދީފައިވެ އެވެ.
ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" ގެ ސަބަބުން 2019 ވަނަ އަހަރު 4.95 މީހުން މަރުވެފައިވެ އެވެ.