ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދޭނީ އެސެސްމަންޓްތަަކަށް ފަހު: ފަޒުލް
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނީ މިހާރު ހަދަމުންދާ އެސެސްމަންޓްތައް ނިމުމުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި މެމްބަރަކު ވަނީ އެޗްޑީސީގެ ކޭޝް ފްލޯ އިތުރުުކުރުމުގެ ގޮތުން ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމަށް ހުއްދަ ދިނުމުގެ ވިސްނުން ގެންގުޅޭތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި އެމްޑީ ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ފޭސް އެކަަކާއި ދޭކަކީ ވަރަށް ޕްލޭންޑް ސިޓީއެއް ކަމަށެވެ.
ހަަމަ އެހެންމެ ބިންވެރިޔާ ސްކީމްގެ ދަށުން ބިންތައް ދޫކުރެވި ފެނާއި ނަރުދަމާވެސް އެޅިގެންދާއިރު ގޮންޖެހުންތަކެއް ވެސް އަތުވެދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އެހެންވެ އެކަމާ ގުޅޭ އެސެސްމަންޓްއެއް ކުރިއަށް މިހާރު ވެސް ގެންދަމުންދާ ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އެ އެސެސްމަންޓް ނިމުނީމާ އަޅުގަނޑުމެންނަށް އެނގޭނީ ކިހާ ހިސާބަކަށްތޯ އެ ފުރުސަތު ދެވެން އަންނާނީ. ހުޅުމާލޭ ޑިވޮލޮޕްވެގެން އައީ ހުޅުމާލެ ފަސްޓް ފޭސްގައި މިސާލަކަށް ހަތަރު ބުރިއަށް ކަންނޭނގެ ފުރަތަމަ ހުއްދެ ދެނީ. އޭގެ ފަހުން ހަ ބުރި ޓެރެސް. ދެން މިހާރު މި ރިކުއެސްޓް މި އަންނަނީ 10 ބުރިއާ ހަމައަށް. އަންނައިރު އަޅުގަނޑުމެން ބަލާލަން ޖެހޭ ހުޅުމާލެ މާލޭ ކަހަލަ ގޮތަކަށް ވާން ބޭނުންތޯ" ފަޒުލް ވިދާޅުވި އެވެ.
ހުޅުމާލޭ ގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ އަދި ނުދިން ނަމަވެސް ފޭސް ދޭއްގައި ވަނީ 25 ބުރިީގެ ޓަވަރުތަކެއް އަޅާފަ އެވެ.