ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ކާނި ހޮޓެލްސް އަށް ދައުވާކުރަން ފޮނުވައިފި
ކ. މާފުށީގައި "ކާނި ހޮޓެލްސް" ގެ ނަމުގައި ހިންގަމުން ގެންދާ 4 ގެސްޓް ހައުސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހަޅައިފި އެވެ.
މީރާއިން ބުނީ، ހުށަހަޅާފައިވާ މައްސަލައަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސް ނެގޭ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދިޔަ ގެސްޓް ހައުސްތަކުން ދޮގު މައުލޫމާތު މީރާއަށް ހުށަހަޅާފައިވާތީ ހުށަހެޅޭ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަން ފެށީ ކާނި ހޮޓެލްްސްއިން ހިންގަމުން ގެންދާ "ކާނި ޕާމް ބީޗް'، "ކާނި ގްރޭންޑް ސީވިއު"، "ކާނި ވިލެޖް" އަދި "ކާނި ބީޗް" ގެސްޓް ހައުސްތަކުން މީރާއަށް ހުށަހަޅާފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ބުނި ގޮތުގައި، ކާނި ހޮޓެލްސް އާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހާ ގެސްޓުންގެ މައުލޫމާތު ހިމަނާފައިނުވާ ކަމުގަ އެވެ. އެގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްއައިޓީ) ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދިހޯދުންތަކުން ފާހަގަކުރެވުނު ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.
މީގެއިތުރުން، އެކޮމަޑޭޝަންގެ އާމްދަނީގެ އިތުރަށް ވިޔަފާރިން ފޯރުކޮށްދޭ ހިދުމަތްތައް ކަމުގައިވާ އެއާޕޯޓް ޓްރާންސްފާ، ރެސްޓޯރަންޓް، ސްޕާ، އެކްސްކާޝަން ފަދަ "އެކްސްޓްރާސް" ގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައެއް އެ ފަރާތްތަކުން މީރާއަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ވެސް މީރާއިން ބުންޏެވެ.
މީރާއިން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރި އާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށެވެ.
"ތަހުގީގާ ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި ޖުމުލަ 8 ލައްކައަށް ވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަން ޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތްތަކަށް އަންގައިފައިވޭ،" މީރާއިން ބުންޏެވެ.
އިތުރަށް މީރާއިން ބުނީ، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ 2 ކުންފުނި ކަމުގައިވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާ، ކުންފުނިތަކުގެ 2 ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިންތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން މިދިޔަ މަހު އެ އޮތޯރިޓީން ވަނީ މާފުށީގައި ހިންގާ ގެސްޓްހައުސްތަކުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ އިންސްޕެކްޝަންތަކުގައި ވަނީ މައުލޫމާތާއި އެހީތެރިކަން ފޯރުވައިދިނުމާއި އޮޑިޓް ކުރުމުގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައި ފާސްކޮށްފަ އެވެ.
އެގޮތުން، އެ ޕްރޮގްރާމުގެ ތެރެއިން ކުރެވުނު އޮޑިޓްތަކުގައި ޓެކްސް ދައްކާ ފަރާތްތަކުން އިތުރަށް ދައްކަން ޖެހޭ ޓެކްސް ކަނޑައަޅައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަން ޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.
ޓެކުހާ ގުޅޭ މިފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާ ކަމަށް ފާހަގަކުރެވޭ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތް އެކަށައެޅުމަށް އެކުލަވާލާފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަން މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.
ކީރިތި ޤުރުއާނުގައި އަދި ހަދީސް ގަވެސް ނޯންނާނެ ޓެކްސް ނެގުމަށް އަންގަވާފައެއް!
ﷲ ހުރުމަތް ތެރިކުރެއްވިއެއްޗެއް އިންސާނާ ގޯތިގެދޮރު މުދާ މީގެ ހުރުމަތް
ކަނޑާ އަތުލާ ހުރިހާ އެއްޗަކީ ހަރާމް އެއްޗެއް! ފޭރުމެއް! ހަމައެކަނި ނެގޭނީ ޒަކާތް